ބޭންކް އޮފް މޯލްޑިވްސްގެ ސްޓްރެޓެޖީއާ އެއްގޮތްވާ ގޮތަށް އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން އާންމު ފަރުދުން ހުޅުވާފައިވާ އެކައުންޓްތަކާއި ނަގާފައިވާ ލޯނުތައް ޝަރުއީ ހަމަތަކާ އެއްގޮތް ހިދުމަތްތަކަށް ފަސޭހައިން ބަދަލުކުރެވޭނެ ގޮތް ބޭންކުން ހަމަޖައްސައިފި އެވެ.

އަދި މީގެ އިތުރުން މިއަދުން ފެށިގެން އާންމު ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ބޭންކަށް އެދި ހުށަހަޅާ ޕާސަނަލް ލޯނުތައް ދޫކުރުމަށް ހަމަޖެހިފައިވަނީވެސް އިސްލާމިކް ބޭންކިން އުސޫލުންނެވެ.

ބޭންކުގެ އިސްލާމިކް ފައިނޭންސް ފަސްޓް ޕޮލިސީގެ ދަށުން މިދިޔަ އަހަރުތެރޭ ބޭންކުން ވަނީ އަތޮޅުތެރޭ ގާއިމްކޮށްފައިވާ ހުރިހާ ބްރާންޗެއް އިސްލާމިކް ބޭންކިން ބްރާންޗް ތަކަކަށް ބަދަލުކޮށް، އެ ބްރާންޗްތަކުން މިހާރު ހިދުމަތް ދެމުން އަންނަނީ އިސްލާމިކް ބޭންކިން ހިދުމަތްތަކަށް އިސްކަންދީގެންނެވެ.

ބީއެމްއެލް އިން އިސްލާމިކް ބޭންކިން ހިދުމަތް ދެމުން އަންނަނީ ޝާރީއާއާ އެއްގޮތްވާ ގޮތުގެ މަތީން ފަރުމާކޮށްފައިވާ ޕްރޮޑަކްޓްތަކާއި، ބީއެމްއެލްގެ އިސްލާމިކް ބޭންކިން ފަންޑު މުޅީން ވަކިކޮށް، އިސްލާމިކް ބޭންކިންގެ ދާއިރާގައި ބައިނަލްއަގުވާމީގޮތުން ބޭނުންކުރާ އެންމެ ރަނގަޅު އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށެވެ.

މިކަމާ ގުޅޭ ގޮތުން ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަރު މުހައްމަދު ޝަރީފް ވިދާޅުވީ، 2015 ވަނަ އަހަރު އިސްލާމިކް ބޭންކިން ހިދުމަތް ތައާރަފުކުރި ފަހުން މިވޭތުވެދިޔަ 10 އަހަރަށް ވުރެ ދިގު މުއްދަތުގައި އިސްލާމިކް ބޭންކިން ޚިދުމަތްތަކަށް ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ.

"މިއަދު މި ފެށުނު މަސައްކަތަކީ ރާއްޖޭގެ ބޭންކިން ދާއިރާގެ މުސްތަގުބަލު ބައްޓަންކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް. ބޭންކުގެ މަގްސަދަކީ ކަސްޓަމަރުންނަށް ޝަރުއީ ހަމަތަކަށް ފެތޭ ފުރިހަމަ މާލީ ހިދުމަތްތައް ފޯރުކޮށްދީ، މުޖުތަމައުގެ ބަދަލުވަމުންދާ ބޭނުންތަކާ އެއްގޮތަށް ހިދުމަތްތަކަށް ބަދަލު ގެނައުން،" ޝަރީފް ވިދާޅުވި އެވެ.

ފަރުދުން އަލަށް ހުޅުވާ އެކައުންޓްތަކާއި ޕާސަނަލް ފައިނޭންސް ހިދުމަތްތައް އިސްލާމިކް އުސޫލުން ފޯރުކޮށް ދިނުމަށް ހަމަޖެހިފައިވާއިރު، ކަސްޓަމަރަކު ބޭނުންވެއްޖެ ހާލަތެއްގައި ބޭންކުން ކޮންވެންޝަނަލް ބޭންކިންގ ޚިދުމަތް އެ ކަސްޓަމަރަކަށް ލިބޭނެ ގޮތް ހަމަޖައްސައިދޭނެ އެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި އިސްލާމިކް ބޭންކިންގެ ހިދުމަތްދޭ ބޭންކެވެ. މީގެ ތެރޭގައި ޝަރީއާ ހަމަތަކަށް ފެތޭ އެކައުންޓްތަކާއި، ކާޑުތަކުގެ އިތުރުން ފައިނޭންސިންގެ ހިދުމަތްތައް ހިމެނެ އެވެ. އަދި ރާއްޖޭގައި މިވަގުތު ދޫކުރާ ހަމައެކަނި އިސްލާމިކް ކްރެޑިޓް ކާޑުވެސް ދޫކުރަމުން އަންނަނީ ބީއެމްއެލްއިންނެވެ. އާންމު ފަރުދުންގެ ބޭންކިން ހިދުމަތްތައް އިސްލާމިކް ބޭންކިން ޚިދުމަތްތަކަކަށް ބަދަލުކުރުމަކީ ރާއްޖޭގައި އިސްލާމިކް ބޭންކިންގ ފުޅާކުރުމަށް ބީއެމްއެލް އިން އިސްކަންދޭ މިންވަރު ހާމަކޮށްދޭ ކަމެކެވެ.