ކޮވިޑް-19ގެ ސަބަބުން ދެކުނު އޭޝިއާ ގައުމުތަކުން ރާއްޖެއަށް ޓޫރިސްޓުން އައުން މަނާކޮށްފަައި އޮތް އޮތުން މަސް ނިމުމުގެ ކުރިން އެ ނިންމުން މުރާޖާކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ދެކުނު އޭޝިއާގެ ގައުމުތަކުގައި ނުރައްކާތެރި މިންވަރަކަށް ކޮވިޑް ފެތުރޭތީ އެ ގައުމުތަކުގެ ޓޫރިސްޓުންނަށް ރާއްޖެ އައުން ވަގުތީ ގޮތުން މަނާކުރެވުނީ މީގެ ފަސް ދުވަސް ކުރިންނެވެ. ދުނިޔޭގެ ގިނަ ގައުމުތަކުން ވަނީ ދެކުނު އޭޝިއާގެ ޓޫރިސްޓޫން އެ ގައުމުތަކަށް ދަތުރުކުރުން މަނާކޮށްފަ އެވެ.

ޓޫރިޒަމް މިނިސްޓްރީން މިއަދު ބުނީ، މި މަހުގެ ނިޔަލަށް، ދެކުނު އޭޝިއާ ޓޫރިސްޓުންނާ ގުޅޭ ނިންމުން މުރާޖާކުރާނެ ކަމަށެވެ. އަދި ޖޫން މަހުގެ ކުރީކޮޅު މިހާރު އަޅާފައިވާ ވަގުތީ ފިޔަވަޅުތައް އުވާލެވޭނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.

ޓޫރިޒަމް މިނިސްޓްރީން އަލުން އެ ނިންމުން މުރާޖާކުރާނެ ކަމަށް ބުނި ނަމަވެސް، ދެކުނު އޭޝިއާގެ ގައުމުތަކުގެ އެއާލައިން މިހާރު ވަނީ ދަތުރުކުރުން ހުއްޓަލައިފަ އެވެ. އަދި އެ ގައުމުތަކުގައި ޒަރޫރީ ބޭނުން ނޫން އެހެން ދަތުރުރަށް ނޫނީ ނުކުރަން ވަނީ އަންގައިފަ އެވެ.