ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު ގޭމިންގ މުބާރާތް ކަމުގައިވާ 'ދިރާގު މޯލްޑިވްސް ގޭމިންގ ކޮންކުއެސްޓް (ޑީއެމްޖީސީ) 2026'ގެ ޕަބްޖީ ކޮލިފަޔަރސް 57 ޓީމާއެކު ފެށުމަށް ތައްޔާރުވެއްޖެ އެވެ.
ޕަބްޖީ މޮބައިލް ކޮލިފަޔަރސް ފެށުމަށް ހަމަޖެހިފައިވަނީ 20 ސެޕްޓެމްބަރު 2026 ގަ އެވެ. މި މުބާރާތުގައި ވާދަކުރާ ޓީމުތަކުގެ ތެރެއިން ވަނަވަނައަށް ދާ ޓީމުތަކަށް ޖުމްލަ 10,000 ރުފިޔާގެ ފައިސާގެ އިނާމުގެ ޕްރައިޒް ޕޫލެއް ވަނީ ކަނޑައަޅައިފަ އެވެ. މި މުބާރާތުގެ ފޯރިގަދަ މެޗުތައް ދިރާގު ގޭމާސް ގިލްޑްގެ ޔޫޓިއުބް ޗެނަލް @DhiraaguGG މެދުވެރިކޮށް ވަގުތުން ބަލައިލެވޭނެ އެވެ.
އަދި، މި މުބާރާތުގެ ތެރެއިން ހޮވާލެވޭ 16 ޓީމަކަށް ޑީއެމްޖީސީ 2026 ގައި ބައިވެރިވުމުގެ ފުރުސަތު ލިބި ޖުމްލަ 30،000 ރުފިޔާގެ ޕްރައިޒް ޕޫލަކުން އިނާމުތައް ހާސިލުކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ދިރާގު ގޭމާސް ގިލްޑް(ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. މި ގޮތުން، މި ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގަ އެވެ.
މި އަހަރުގެ ޑީއެމްޖީސީގައި ވެސް މޮބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ކުޅޭ އެކި ގޭމްތައް ވަނީ ހިމަނައިފައެވެ. މީގެ ތެރޭގައި ޕަބްޖީ މޮބައިލްގެ އިތުރުން މޮބައިލް ލެޖެންޑްސް: ބޭންގް ބޭންގް، ރޮކެޓް ލީގު، އެފްސީ 26 އަދި ޓެކެން 8 ހިމެނެއެވެ. ކުޅުންތެރިންނަށް ފައިސާގެ އިނާމު ހޯދުމުގެ އިތުރުން، ކޮލިފަޔަރތަކުން ކުރިހޯދައިގެން ޑީއެމްޖީސީގެ މެއިން އިވެންޓުގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި މުބާރާތާއި ޑީ.ޖީ.ޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބިގެންދާނެ އެވެ.

