އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލާއި ޝްވެކް ސިނެމާ ހިމެނޭހެން ދައުލަތަށް ޓެކްސް ނުދައްކާ 33 ފަރާތެއްގެ ނަން މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފި އެވެ.
މީރާއިން އާންމުކުރި މި ލިސްޓުގައި ހިމެނެނީ ޓެކުހުގެ ގޮތުގައި ދައްކަންޖެހޭ ފައިސާ ނުދައްކައިގެން އެ އަދަދު އެއް މިލިއަން ރުފިޔާއަށްވުރެ މައްޗަށް ގޮސްފައިވާ އަމިއްލަ މީހުންނާއި ކުންފުނިތަކުގެ ނަންތަކެވެ.
މި ލިސްޓުގައި ބައްސާމާއި ޝްވެކް ސިނެމާގެ އިތުރުން މަޝްހޫރު ބައެއް ވިޔަފާރިތައް ކަމަށްވާ ބިޒްނަސް އިމޭޖް ގްރޫޕް (ބިގް) އާއި، ޗީބޯ ކެފޭ ހިންގާ ޗީބޯ އިންވެސްޓްމަންޓް ޕްރައިވެޓް ލިމިޓެޑުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ބައެއް ވިޔަފާރިތައް ވެސް ވަނީ ހިމެނިފަ އެވެ.
މީރާއިން މައުލޫމާތު ދޭ ގޮތުގައި، މި ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ ނަންތައް އާންމުކުރުމުގެ ކުރިން ފޯނުން ގުޅައި، ގާނޫނުގައި ކަނޑައަޅާފައިވާ އަދަބުތަކާއި އަޅާނެ ފިޔަވަޅުތަކުގެ މައުލޫމާތު ވަނީ ހިއްސާކޮށްފަ އެވެ. އަދި އެސްއެމްއެސްގެ ޒަރީއާއިން ވެސް އެ ފަރާތްތަކަށް އެކަން އަންގާފައިވާނެ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
މީގެއިތުރުން ދައުލަތަށް ދައްކަންޖެހި ނުދައްކާ ހުރި ފައިސާ ހޯދުމުގެ ގޮތުން އެއްވެސް ތަފާތުކުރުމެއްނެތި އިތުރު ފިޔަވަޅުތައް އަޅަމުންދާނެ ކަމަށްވެސް މީރާއިން ވަނީ ހާމަކޮށްފަ އެވެ.

