އެމްޑަބްލިއުއެސްސީގެ ބޫސްޓާ ޕަންޕް ސްޓޮކް ހުސްވެ، ކަސްޓަމަރުންނަށް ޚިދުމަތެއް ނުދެވޭ ހާލަތަށް ކުންފުނި ހިނގައްޖެ އެވެ.

"ހުރިހާ"އަށް އެނގިފައިވާ ގޮތުގައި އެ ކުންފުނިން ބޫސްޓާ ޕަންޕް ހުސްވެފައި ހުންނަތާ އެތައް މަހެއް ވެއްޖެ އެވެ. އަދި މިކަން ކުންފުންޏަށް އެނގުނު ނަމަވެސް ކަސްޓަމަރުންނަށް މިކަން ފޮރުވަން މަސައްކަތްކޮށް "ހިދުމަތް ދިނުމުގައި ޑިލޭތަކެއް" އުޅޭ ކަސްޓަމަރުން ގާތުގައި ކުންފުނިން ދަނީ ބުނަމުންނެވެ.

ބޫސްޓާ ޕަންޕަކީ ލޯ ޕްރެޝަރުގައި ދައުރުވާ ފެން ހައި ޕްރެޝަރަށް ބަދަލުކޮށް މަތީ ފަންގިފިލާތައް ހުންނަ ގޭގެއަށް ފެން ފޯރުކޮށްދިނުމަށް ހަރުކުރަން ޖެހޭ މުހިއްމު ސިސްޓަމެކެވެ. ގްރޭޓާ މާލެ ސަރަހައްދުގައި މި މަސައްކަތް ކުރުމުގެ ހުއްދަ އަދި ޕަންޕް ވިއްކުމުގެ ހުއްދަ އޮންނަނީ ހަމައެކަނި އެމްޑަބްލިއުއެސްސީ އަށެވެ.

މި ހިދުމަތަށް އެދުމުން އެމްޑަބްލިއުއެސްސީ އިން ޚިދުމަތަށް އެދޭ ފަރާތާއެކު އެއްބަސްވުމެއްގައި ވެސް ސޮއިކުރަން ޖެހެ އެވެ. އަދި 7 ދުވަހާއި 10 ދުވަހާ ދޭތެރޭގައި ޕަންޕް އިންސްޓޯލް ކުރުމަށް އެއްބަސްވުމުގައި ލާޒިމް ކުރެ އެވެ.

ނަމަވެސް، ކުންފުނިން ޕަންޕް ހުސްވުމުގެ ސަބަބުން ހިދުމަތަށް ފައިސާ ދެއްކުމަށް ފަހު ދެ މަސް ވެފައިވާ ކަސްޓަމަރުން ވެސް ތިބި ކަމަށް އެނގިފައިވެ އެވެ.