ހުޅުމާލެ ސެންޓްރަލް ޕާކްގައި ތަރައްގީކުރަން ހަމަޖެހިފައިވާ މިސްކިތް ޑިޒައިންކުރަން މުބާރާތެއް ހުޅުވާލައި އެއްވަނަ ޑިޒައިނަކަށް 300،000ރ. ދޭން ނިން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ނިންމައިފި އެވެ.

އެޗްޑީސީން ބުނީ ސެންޓްރަލް ޕާކް ހަތަރު ޒޯނަކަށް ބަހާލައިގެން ތަރައްގީކުރުމަށް ހަމަޖެހިފައިވާއިރު ފައުންޓެއިން އެންޑް މޮކްސް ޕާކު ސަރަހައްދުގައި ތަރައްގީކުރަން ހަމަޖެހިފައިވާ މިސްކިތުގެ ޑިޒައިންކުރުމުގެ ފުރުސަތު ދިވެހި ފަންނާނުންނަށް ހުޅުވާލާފައިވާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީއާ ގުޅިގެން ކުރިއަށްގެންދާ އެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު މިމަހުގެ 27 ވަނަ ދުވަހުގެ ނިޔަލަށް ހުޅުވާލާފައިވާ ކަމަށާއި އޮންލައިން ފޯމެއް ފުރައި ރަޖިސްޓްރީކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެ މުބާރާތާ ބެހޭ ގޮތުން މައުލޫމާތު ދިނުމުގެ ބައްދަލުވުމެއް ޖޫން ހަތް ވަނަ ދުވަހު އޮންނާނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީއި ބުނީ އެ މިސްކިތަކީ ދިވެހިވަންތަކަން ދައްކައިދޭ އިމާރާތެއް ކަމަށާއި، ދިވެހިންގެ މިސްކިތްތަކުން ފެންނަ ކުލަތައް އެ މިސްކިތުން ފެންނާނެ ކަމަށެވެ.

ސެންޓްރަލް ޕާކުގައި ތަރައްގީ ކުރާ މިސްކިތަކީ 500 މީހުންގެ ޖާގައިގެ މިސްކިތެއް ކަމަށާއި ބޭރާއެކު 2،500 މީހުންނަށް އެކޮމޮޑޭޓް ކުރެވޭނެ ސަރަހައްދެއް ކަމަށް އެޗްޑީސީން ބުންޏެވެ.