ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހެދި "ހިޔާ" ފްލެޓްތަކަށް މުއާސަލާތީ ހިދުމަތް ދޭން ޓަވަރުތަކަކާއި ފުރާޅުމަތީގައި ރޫފްޓޮޕް ޕޯލްތަކެއް ހަރުކުރުމުގެ މަސައްކަތް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)ން ފަށައިފި އެވެ.

އެ ކުންފުނިން މިއަދު ބުނީ ހިޔާ ފްލެޓްތަކަށް މުއާސަލާތީ ހިދުމަތް ދިނުމުގެ ގޮތުން ހިޔާ މަޝްރޫއު ފްލެޓްތަކުގެ ސަރަހައްދުގައި ހަތަރު މުއާސަލާތީ ޓަވަރެއް ޖެހުމުގެ މަސައްކަތް މިހާރު ކުރަމުން އަންނަ ކަމަށެވެ.

"މިވަސީލަތްތަކަކީ މުއާސަލާތީ ޚިދުމަތްތައް ފޯރުކޮށްދޭ ހުރިހާ ފަރާތްތަކަށް ވެސް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށްޓަކައި ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްގެން އުފައްދާފައިވާ ޓަވަރުތަކެއް ކަމަށް ފާހަގަކުރަމެވެ." އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވެ އެވެ.

އެ ކުންފުނިން ބުނީ އެ މަޝްރޫއުގެ ދަށުން މިހާތަނަށް، އެ ސަރަހައްދުގައި މޮބައިލް ކަވަރޭޖްފުޅާކުރުމުގެ ގޮތުން ތިމާވެއްޓާ ރަހުމަތްތެރި ގޮތަކަށް ފަރުމާކޮށްފައިވާ މޮނޮޕޯލް ޓަވަރެއް ގާއިމްކޮށްފައިވާ ކަމަށެވެ. އަދި މީގެ އިތުރުން، މި މަހުގެ ތެރޭގައި ހަތަރު ފައިލީ އެންގިއުލާ ޓަވަރުތަކެއް ވެސް ދެވަނަ ފިޔަވަހީގެ ހިޔާ ފްލެޓްތައް ހުރި ތިން ސަރަހައްދެއްގައި ހަރުކޮށް ނިމޭނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

"މިއީ މުސްތަގުބަލުގައި ހުޅުމާލެ ޒަމާނީ ސްމާޓް ސިޓީ އަކަށް ވާސިލުވުމަށްޓަކައި ބޭނުންވާ ސްމާޓް އިންފްރާސްޓްރަކްޗާ ފުރިހަމަ ކުރުމަށް ކުރެވޭ މުހިއްމު މަސައްކަތެކެކެވެ." އެ ކުންފުނިން ބުންޏެވެ.