ކުޑަ އިންޓަރެސްޓަކާއެކު ޖަޕާނުން ރާއްޖެއަށް 47.5 މިލިއަން ޑޮލަރު ( 732.4 މިލިއަން ރުފިޔާ) ގެ ލޯނެއް ދީފި އެވެ.

މިއީ ހަތަރު އަހަރުގެ ގްރޭސް ޕީރިއަޑަކާއެކު، 15 އަހަރުން ދައްކާ ގޮތަށް، 0.01 ޕަސެންޓް އިންޓްރެސްޓް ރޭޓްގައި ޖަޕާނުން ދޭ ލޯނެއް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިން ފަސް ބިލިއަން ޖަޕަނީސް ޔެން ގެ ލޯން އެހީ ދިނުމާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި މިއަދު ވަނީ ސޮއިކޮށްފަ އެވެ.

ކޮވިޑް-19ގެ ސަބަބުން ދިވެހިރާއްޖެއަށް ދިމާވެފައިވާ ޙާލަތުން އަރައިގަތުމަށް ޖަޕާނުން ދިން ކޮންސެޝަނަލް ލޯނާ ގުޅޭ އެކްސްޗޭންޖް އޮފް ނޯޓްސްގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ. އަދި ޖަޕާންގެ ފަރާތުން ސޮއިކުރެއްވީ ޖަޕާނުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ އެވެ.

ޖަޕާނުން ދިން ލޯނުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރެއްވުމަށްފަހު ފޮރިން މިނިސްޓަރު ވާހަކަދައްކަވަނީ. ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓްރީން ބުނީ އެކްސްޗޭންޖް އޮފް ނޯޓްސް އަކީ ލޯނުގެ ރަސްމީ އެއްބަސްވުމުގެ ކުރިން ދެ ގައުމުގެ ދެމެދުގައި ލޯން އެއްބަސްވުމާ ގުޅޭ ގޮތުން ސޮއިކުރެވޭ ލިޔުމެވެ.

އެ މިނިސްޓްރީން ބުނީ އެ ލޯނަކީ ޖަޕާނާއި ރާއްޖެއާއި ދެމެދު އޮތް ޒަމާންވީ ގާތްގުޅުމުގެ ތާރީޚުގައި އެ ގައުމުން ދޭ އެންމެ ބޮޑު ލޯނު ކަމަށެވެ. ޖަޕާނުންދޭ ލޯން ބޭނުންކުރުމަށް ހަމަޖެހިފައިވަނީ މި ވަގުތު ކޮވިޑް-19 އާ ގުޅިގެން ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.

އެ ލޯނުގެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ފޮރިން މިނިސްޓަރު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ޖަޕާން ސަރުކާރަށް ޝުކުރު އަދާކުރައްވައި، އިގްތިސާދު ހަމަޔަކަށް އެޅުވުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް ޖަޕާނުން މެދުނުކެނޑި ދެއްވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ޒަމާންތަކަކަށް ދިގުދެމިފައިވާ ދެ ގައުމުގެ ގާތްގުޅުމަށް މިނިސްޓަރު ވަނީ އަލިއަޅުއްވާލައްވާފަ އެވެ.

ޖަޕާނުން ވަނީ ރާއްޖޭގެ ސިއްހީ ދާއިރާއަށްވެސް ދާދި ފަހުން 5.6 މިލިއަން ޑޮލަރުގެ އެހީތެރިކަން ފޯރުކޮށްދީފަ އެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ޔޫއެންޑީޕީ މޯލްޑިވްސް އަށް 1.4 މިލިއަން ޑޮލަރު، ޔުނިސެފް މޯލްޑިވްސްއަށް 356،400 ޑޮލަރު އަދި މޯލްޑިވްސް ރެޑް ކްރެސެންޓްއަށް 185،000 ޑޮލަރުގެ ހިލޭ އެހީ ފޯރުކޮށްދީފަ އެވެ.

ފޮރިން މިނިސްޓްރީން ބުނީ އެ އެކްސްޗޭންޖް އޮފް ނޯޓްސްގައި ސޮއިކުރުމާ ގުޅިގެން އެ ލޯނާ ގުޅޭ ރަސްމީ އެއްބަސްވުމުގައި މިމަހުގެ 30 ވަނަ ދުވަހު ދިވެހި ސަރުކާރާއި ޖަޕާން ސަރުކާރާއި ދެމެދު ސޮއިކުރެވޭނެ ކަމަށެވެ.