ސިންގަޕޫރުގެ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑް (އެޗްޕީއެލް)ގެ ސަބްސިޑިއަރީ ކުންފުންޏެއް ކަމަށްވާ އެޗްޕީއެލް ހޮޓެލްސް އެންޑް ރިސޯޓްސް އިން، މިމަހުގެ އެއްވަނަ ދުވަހުން ފެށިގެން ހޮލިޑޭ އިން ކަނޑޫމާ ރިސޯޓް މޯލްޑިވްސް ހިންގުމާ ހަވާލުވެއްޖެ އެވެ.
މި ބަދަލާއެކު އެ ރިސޯޓުގެ ނަން މިހާރު ވަނީ "ކަނޑޫމާ މޯލްޑިވްސް" އަށް ބަދަލުކޮށްފަ އެވެ. މާލެ އަތޮޅުގެ ދެކުނުގައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރައިގެން ލޯންޗެއްގައި 40 މިނެޓުން ދެވޭ ހިސާބުގައި އޮންނަ ކަނޑޫމާއަކީ ތަރައްގީކޮށްފައިވާ މި ރިސޯޓަކީ، އެކަނި ދަތުރުކުރާ ފަރާތްތަކާއި، ކަޕްލްސް އަދި އާއިލާތަކުގެ އިތުރުން ރައްޓެހިންނާއެކު ހިތްހަމަޖެހޭ ޗުއްޓީއެއް ހޭދަކޮށްލަން ބޭނުންވާ ފަރާތްތަކަށް ހާއްސަކޮށް ފަރުމާކޮށްފައިވާ ތަނެކެވެ.
އެޗްޕީއެލް އިން ބުނިގޮތުގައި އޮކްޓޫބަރު 1 އިން ފެށިގެން، ރިސޯޓުގެ "އޯލް އިންކްލޫސިވް" ޕްލޭންގެ ދަށުން ހެނދުނުގެ ނާސްތާ، މެންދުރުގެ ކެއުން، ރޭގަނޑުގެ ކެއުން، ހޮވާލެވޭ ބުއިންތަކާއި ދުވާލުގެ އެކި ވަގުތުތަކުގައި ލުއިކާނާ ލިބިގެންދާނެ އެވެ. މީގެ އިތުރުން، މެހެމާނުންނަށް ރަށުގެ ދިރިއުޅުން ފުރިހަމައަށް ތަޖުރިބާކޮށްލުމަށް ހިލޭ ލިބޭ އެކި ހަރަކާތްތައް ވެސް މި ޕެކޭޖުގައި ހިމެނެ އެވެ.
އެޗްޕީއެލް އިން ބުނިގޮތުގައި މި ބަދަލާއެކު ރިސޯޓުގެ 146 ވިލާއާއި އެހެނިހެން ވަސީލަތްތައް މަރާމާތުކޮށް އިތުރަށް ފުރިހަމަކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި މަސައްކަތުގެ ދަށުން އާ ކޮޓަރިތަކާއި އިޖުތިމާއީ ބައްދަލުވުންތަކަށް ހާއްސަ ސަރަހައްދުތައް ތައާރަފުކޮށް، އާއިލާތަކަށާއި އެކި އުމުރުފުރާގެ މީހުންނަށް ރިސޯޓު އިތުރަށް ފުރިހަމަވެގެންދާނެ ކަަމަށް ވެސް އެ ކުންފުނިން ބުނެ އެވެ.
އަލަށް އިތުރުކުރެވޭ ބައިތައް:
- 8 ފެމިލީ ބީޗް ވިލާ (ކޮންމެ ވިލާއެއްގައި އަމިއްލަ ސްޕްލެޝް ޕޫލެއް ހިމެނޭ)
- ދެ ކޮޓަރީގެ ބީޗް ހައުސްތަކަށް (4 ޔުނިޓް) ސްޕްލެޝް ޕޫލް އިތުރުކުރުން
- ތިން ކޮޓަރީގެ ދެވަނަ ވިލާއެއް ތަރައްގީކުރުން (ތިން ކޮޓަރީގެ ދެ ވިލާގައިވެސް އަމިއްލަ ޕޫލް ހުންނާނެ)
- އާ ބީޗް ކްލަބެއް - މިއީ ހުރިހާ އުމުރުފުރައެއްގެ މީހުންނާއި ޒުވާނުންނަށްވެސް ބޭނުންކުރެވޭ ގޮތަށް މުޅި ދުވަހު ހުޅުވާފައި ހުންނަ އިޖުތިމާއީ މަރުކަޒެއް
- ކަނޑޫމާ ކެފޭއިން 24 ގަޑިއިރު ކެއުމުގެ ހިދުމަތް ލިބުން
މި ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރިއަށްދާ ވަގުތު ވެސް، މެހެމާނުންނަށް ދެމުންދާ ހިދުމަތްތަކަށް ބުރޫނާރާނޭ ހެން ރިސޯޓުގެ އާންމު އޮޕަރޭޝަންތައް ކުރިއަށްދާނެ ކަމަށް އެޗްޕީއެލް އިން ބުނެ އެވެ.
ކަނޑޫމާ މޯލްޑިވްސް އަކީ ހޮޓެލް ޕްރޮޕަޓީސް ލިމިޓެޑުން ރާއްޖޭގައި ހިންގާ އަށް ވަނަ ރިސޯޓެވެ. މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާގައި އެ ގްރޫޕުގެ ބައިވެރިވުން އިތުރަށް ވަރުގަދަވެގެންދިޔަ ކަމެކެވެ.

