ބީއެމްއެލްގެ ތާރީހުގައި ވެސް ނުވަ މަސްދުވަހުގެ މުއްދަތެއްގެ ތެރޭގައި އެންމެ ރަނގަޅު ނަތީޖާއެއް ހޯދާފައިވާކަން މާލީ ރިޕޯޓުތަކުން ދައްކައިފި އެވެ.
މިދިޔަ ސެޕްޓެންބަރު 30 އަށް ނިމުނު ނުވަ މަސްދުވަހުގެ ތެރޭގައި ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާގެ ގޮތުގައި 1.93 ބިލިއަން ދިވެހި ރުފިޔާ ލިބިފައިވާއިރު، މިއީ 2025 ވަނަ އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހު ލިބުނު 1.53 ބިލިއަން ރުފިޔާއާ އަޅައިބަލާއިރު %26 އިތުރު އަދަދެކެވެ. މި އަހަރުގެ ތިންވަނަ ކުއާޓަރުގެ ސާފު ފައިދާގެ ގޮތުގައި 647.2 މިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅައިބަލާއިރު %36 ގެ ކުރިއެރުމެކެވެ.
މި މުހިންމު މާލީ ކާމިޔާބީ ހާސިލުކުރެވުނީ އިގްތިސާދުގެ މުހިންމު ދާއިރާތަކަށް ދޫކުރާ ލޯނު އިތުރުވުމާއި، ޑިޕޮސިޓް ބޭސް ފުޅާވުމާއި، ޑިޖިޓަލް މުއާމަލާތްތައް އިތުރުވުމުގެ ސަބަބުންނެވެ. ބޭންކުގެ ކޮސްޓް-ޓު-އިންކަމް ރޭޝިއޯ %28 ގައި ހުރިއިރު، މިއީ ސަރަހައްދީ ފެންވަރުގައިވެސް ފާހަގަކޮށްލެވޭ ފެންވަރުގެ އެފިޝެންޓް ނަތީޖާއެކެވެ. އަދި ބޭންކުގެ ރައުސްމާލުގެ ފުދުންތެރިކަން ދައްކުވައިދޭ ކެޕިޓަލް އެޑިކުއެސީ ރޭޝިއޯ ހުރީ %38 ގައެވެ. މިއީ ރެގިއުލޭޓަރީ މިންގަނޑުން ލާޒިމުކުރާ %12 އަށްވުރެ ތިން ގުނަ އިތުރު އަދަދެކެވެ.
ކަސްޓަމަރުންގެ އިތުބާރު ބޮޑުވެ، ބޭންކުގައި ބަހައްޓާފައިވާ ޑިޕޮސިޓްގެ ޖުމްލަ އަދަދު 42.36 ބިލިއަން ރުފިޔާއަށް އަރާފައިވެ އެވެ. މިއީ 2025 ވަނަ އަހަރުގެ ނިޔަލަށް ހުރި 37.19 ބިލިއަން ރުފިޔާއަށް ވުރެ %14 އިތުރު އަދަދެކެވެ. ހަމައެއާއެކު، އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ މުއްދަތުގައި އަލަށް ދޫކުރި ލޯނުތަކުގެ ޖުމްލަ އަދަދު ވަނީ 12.1 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. ބޭންކުގެ އެސެޓް ކޮލިޓީވެސް ރަނގަޅުވެ، ސްޓޭޖް 3 ލޯނު ރޭޝިއޯ ވަނީ 31 ޑިސެމްބަރު 2025 ގައި ހުރި %6.0 އިން 30 ސެޕްޓެމްބަރު 2026 ގެ ނިޔަލަށް %4.8 އަށް ދަށްކުރެވިފަ އެވެ.
ދުނިޔޭގެ މާލީ ބާޒާރާއި ސިޔާސީ މަސްރަހަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން ބޭރު ފައިސާ ހޯދުމުގައި ގޮންޖެހުންތައް ހުރި ނަމަވެސް، ބޭންކުން ވަނީ ކަސްޓަމަރުންނަށް ބޭނުންވާ ބޭރު ފައިސާ ފޯރުކޮށްދިނުމުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާފަ އެވެ. މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެ ތެރޭގައި، ރާއްޖެއިން ބޭރަށް ފޮނުވާފައިވާ ފައިސާގެ ޖުމްލަ 2.86 ބިލިއަން ޑޮލަރަށް އަރަ އެވެ. މިއީ 373,600 އަށްވުރެ ގިނަ ރެމިޓަންސް މެދުވެރިކޮށް ކުރެވުނު މުއާމަލާތްތަކެވެ. އަދި ދިވެހި ރުފިޔާއަށް ބަދަލުކޮށް ކަސްޓަމަރުންނަށް ދޫކުރި ބޭރު ފައިސާގެ އަދަދު 722.1 މިލިއަން ޑޮލަރަށް އަރާފައިވެ އެވެ.
ސެޕްޓެންބަރު މަހަކީ އާންމުކޮށް ބޭރު ފައިސާ ލިބުން އެންމެ ދަށް މަސް ކަމަށްވީ ނަމަވެސް، ކުރިއަށް އޮތް ހަތަރުވަނަ ކުއާޓަރުގައި ފަތުރުވެރިކަމުގެ ސީޒަން ފެށުމާއެކު ބޭރު ފައިސާ ވަންނަ މިންވަރު އިތުރުވެގެންދާނެ ކަމަށް ބޭންކުން ލަފާކުރެ އެވެ.
2026 ވަނަ އަހަރުގެ ފަހު ކުއާޓަރާ ބޭންކުން ކުރިމަތިލަނީ ވަރަށް ވަރުގަދަ މާލީ ހާލަތެއްގައެވެ. ފަތުރުވެރިކަމުގެ މޫސުމާއެކު ބޭރު ފައިސާ ލިބޭ މިންވަރު އިތުރުވާނެ ކަމަށާއި، މުޅި އަހަރުގެ ނަތީޖާ ވަރަށް ކާމިޔާބުވާނެ ކަމަށް ބޭންކުން އުންމީދު ކުރެއެވެ.
ކުރިމަގަށް ބަލާއިރު، ފަންޑިން ހޯދާ ވަސީލަތްތައް ބޭންކުން އިތުރަށް ފުޅާކުރާނެ ކަމަށް އެ ބޭންކުން ބުންޏެވެ. މީގެ ތެރޭގައި ބައިނަލްއަގުވާމީ މާކެޓްތަކުން ދިގު މުއްދަތުގެ ބޭރު ފައިސާގެ ފަންޑިން ހޯދުން ހިމެނެ އެވެ. މީގެ މަގުސަދަކީ ފަތުރުވެރިކަމުގެ ދާއިރާއާއި، އެ ދާއިރާއަށް ހިދުމަތްދޭ ވިޔަފާރިތަކާއި، މުޅި ދިވެހި އިގްތިސާދަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމެވެ.
އެ ބޭންކުން އަބަދުވެސް ދެމިއޮންނާނީ ކަސްޓަމަރުންނާއި، ހިއްސާދާރުންނާއި އަދި ގައުމުގެ މަސްލަހަތަށްޓަކައި ބޭންކުގެ ރައުސްމާލާއި ލިކިއުޑިޓީ ވަރުގަދަކޮށް، ހަރުދަނާ އުސޫލުތަކެއްގެ ދަށުން ރިސްކް މެނޭޖްކޮށް، ގަވާނަންސްގެ އެންމެ މަތީ މިންގަނޑުތައް ދެމެހެއްޓުމުގައި ކަމަށް ބީއެމްއެލް އިން ބުންޏެވެ.

