މިދިޔަ ސެޕްޓެމްބަރު ގައި މީރާއިން 2.69 ބިލިއަން ރުފިޔާގެ އާމްދަނީއެއް ބަލައިގެންފި އެވެ.

މި އަދަދަކީ ސެޕްޓެންބަރު 2026 ގައި ލިބޭނެ ކަމަށް އަންދާޒާކޮށްފައިވާ އަދަދަށްވުރެ 12.7 ޕަސެންޓް އިތުރު އަދަދެކެވެ.

މީރާ އިން ބުނިގޮތުގައި ވޭތުވެދިޔަ އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު މިއީ 10.7 ޕަސެންޓްގެ ދަށްވުމެއް ނަމަވެސް، މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް ބަލައިގަނެފައިވާ ޖުމްލަ އާމްދަނީއާ އަޅައިބަލާއިރު މިއީ 8.9 ޕަސެންޓްގެ ކުރިއެރުމެކެވެ.

މީރާ އިން ބުނިގޮތުގައި ސެޕްޓެމްބަރު 2026 އަށް އަންދާޒާކޮށްފައިވާ އާމްދަނީ އިތުރުވުމުގެ މައިގަނޑު ސަބަބުތަކަކީ ޖީއެސްޓީއާއި، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އާމްދަނީގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުން ނަގާ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ އިތުރުވުމެވެ.

ހާއްސަކޮށް ޓޫރިޒަމް ދާއިރާގެ ޖީއެސްޓީ (ޓީޖީއެސްޓީ) އިތުރުވެފައިވަނީ، މި މުއްދަތުގައި ރާއްޖެ ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 18 ޕަސެންޓް އިތުރުވުމާ ގުޅިގެންނެވެ. ހަމައެއާއެކު، ރިޒޯޓުތަކުގެ ކުލީގެ ގޮތުގައި ލިބުނު އަދަދު ވެސް ވަނީ އަންދާޒާކުރި މިންވަރަށްވުރެ މައްޗަށް ގޮސްފަ އެވެ. ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީގެ 15.8 ޕަސެންޓްއަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާ އެވެ. އަދި އާމްދަނީގެ 17.4 ޕަސެންޓް ލިބިފައި ވަނީ ނުދެއްކި ހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުންނެވެ.

ސެޕްޓެމްބަރު 2025 ގައި ލިބުނު އާމްދަނީ އާ އަޅާބަލާއިރު ސެޕްޓެންބަރު 2026 ގައި ލިބިފައިވާ އާމްދަނީ 10.7 ޕަސެންޓް ދަށްވި މައިގަނޑު ސަބަބަކީ، ރިޒޯޓުތަކުގެ ކުލީގެ މުއްދަތު އިތުރުކުރުމުގެ ފީ އާއި އާންމު ދާއިރާގެ ޖީއެސްޓީ ދަށްވުމެވެ.

ނުލިބި ހުރި ފައިސާ ހޯދުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން، ސެޕްޓެމްބަރު 2026 ގައި ވަނީ ޖުމްލަ 623 މިލިއަން ރުފިޔާ ހޯދައިފަ އެވެ. މީގެ ތެރޭގައި، ނޯޓިސް ފޮނުވައިގެން 395 މިލިއަން ރުފިޔާ، ޑިއުސް ކްލިއަރެންސްގެ ތެރެއިން 87 މިލިއަން ރުފިޔާ، އަދި އިންސްޓޯލްމަންޓް އެއްބަސްވުމުގެ ދަށުން 123 މިލިއަން ރުފިޔާ ވަނީ ހޯދައިފައިވެ އެވެ. ހަމަ މިއާއެކު، ޓެކްސް ދައްކާ ފަރާތްތަކަށް ފައިސާ ދެއްކުމަށް ހަނދާން ކޮށްދިނުމަށް ކުރި ފޯނު ކޯލުތަކުގެ ޒަރިއްޔާއިން 10 މިލިއަން ރުފިޔާ، އަދި ބޭންކް އެކައުންޓް ފްރީޒް ކޮށްގެން ވެސް 8 މިލިއަން ރުފިޔާ ވަނީ ހޯދައިފަ އެވެ.

ސެޕްޓެމްބަރު 2026 ގައި މީރާއަށް ބަލައިގަތް އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރަނީ ޖީއެސްޓީ އެވެ. އެއީ 46.8 ޕަސެންޓް ނުވަތަ 1.3 ބިލިއަން ރުފިޔާ އެވެ. ދެން އެންމެ ބޮޑު އާމްދަނީއެއް ލިބިފައި ވަނީ ރިޒޯޓުތަކުގެ ކުލިންނެވެ. އެއީ 15.8 ޕަސެންޓް ނުވަތަ 424 މިލިއަން ރުފިޔާ އެވެ. މީގެ އިތުރުން، އާމްދަނީން ނަގާ ޓެކުހުގެ ގޮތުގައި 213 މިލިއަން ރުފިޔާ (7.9 ޕަސެންޓް)، ގްރީން ޓެކުހުގެ ގޮތުގައި 202 މިލިއަން ރުފިޔާ (7.5 ޕަސެންޓް)، އެއާޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި177 މިލިއަން ރުފިޔާ (6.6 ޕަސެންޓް)، އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި 173 މިލިއަން ރުފިޔާ (6.4 ޕަސެންޓް) ލިބިފައިވެ އެވެ.

ސެޕްޓެމްބަރު 2026 ގައި ބަލައިގަނެފައިވާ އާމްދަނީގެ ތެރޭގައި 126.81 މިލިއަން ޑޮލަރު ހިމެނެ އެވެ. އަދި މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ 28 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާއިރު، މީގެ ތެރޭގައި އެމެރިކާ ޑޮލަރުގެ ގޮތުގައި ބަލައިގަތް 1.2 ބިލިއަން ޑޮލަރު ވެސް ހިމެނެ އެވެ.