ރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުން އެ ގައުމަށް ފައިސާ ފޮނުވުމުގައި ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައި، ކަރަންސީ ސްވޮޕް ހިމެނޭ ގޮތަށް ތިން ހުށަހެޅުމެއް ބަންގްލަދޭޝް ބޭންކުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހަޅައިފި އެވެ.
ބަންގްލަދޭޝް ބޭންކުގެ ތަފާސްހިސާބުތައް ދައްކާގޮތުން 2024-2025 ފިސްކަލް އަހަރު ރާއްޖެއިން އެ ގައުމަށް 141 މިލިއަން ޑޮލަރު ފޮނުވާފައިވާއިރު، 2025-2026 ފިސްކަލް އަހަރު އެ އަދަދު ވަނީ 118 މިލިއަން ޑޮލަރަށް (16.4 އިންސައްތަ) ދަށްވެފަ އެވެ. އަދި މި އަހަރުގެ ފުރަތަމަ ތިން މަހު 38 މިލިއަން ޑޮލަރު ފޮނުވާފައިވެ އެވެ.
މިކަމާ ގުޅިގެން ބަންގްލަދޭޝް ބޭންކުގެ ގަވަރުނަރު އެމްޑީ މޮސްތަގޫރު ރަހްމާނު ސޮއިކުރައްވައި އެމްއެމްއޭގެ ގަވަރުނަރަށް ފޮނުއްވި ސިޓީއެއްގައި ވަނީ ތިން ކަމެއް ހުށަހަޅުއްވާފައެވެ. އެގޮތުން އޭޝިއަން ކްލިއަރިން ޔޫނިއަން (އޭސީޔޫ) މެދުވެރިކޮށް ރެމިޓެންސް ފޮނުވުމުގައި ދިވެހި ފައިސާ ބޭނުންކުރެވޭނެ ގޮތް ހަމަޖެއްސުމާއި، ރާއްޖެއަށް އަންނަ އެ ގައުމުގެ މަސައްކަތްތެރިންނަށް ދަތުރުފަތުރުގެ ކަންކަމަށް ދިވެހި ރުފިޔާއިން ފައިސާ ދެއްކޭ ގޮތަށް ބަންގްލަދޭޝްގެ ބޭންކަކުން ޓާކާ ކާޑު ތައާރަފުކުރުމާއި، އަދި ކަރަންސީ ސްވޮޕް އެއްބަސްވުމެއްގެ ދަށުން އާމްދަނީ އަނބުރާ ގައުމަށް ގެންދެވޭނެ އިންތިޒާމު ހަމަޖެއްސުން ހިމެނެ އެވެ.
މި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރުމަށް ދެ ގައުމުގެ މަރުކަޒީ ބޭންކުގެ ބައްދަލުވުމެއް ބޭއްވުމަށް ވެސް އެ ސިޓީގައިވެ އެވެ.
ހަމައެއާއެކު ރާއްޖޭގައި ބޭރުގެ ބޭންކުތަކުން ދިވެހި ރުފިޔާ ބަލައިނުގަނެ، ބިދޭސީ މަސައްކަތްތެރިންނަށް ކަޅު ބާޒާރުން ބޮޑު އަގުގައި ޑޮލަރު ގަންނަންޖެހުމާއި، ރަސްމީ ޗެނަލްތަކުން ފައިސާ ފޮނުވާއިރު ކޮމިޝަންގެ ގޮތުގައި ބޮޑު ހަރަދެއް ކުރަންޖެހުމުގެ ސަބަބުން މާލީ ގޮތުން ބޮޑެތި ގެއްލުންތަކާ ކުރިމަތިލާންޖެހިފައިވާކަން ވެސް އެ ސިޓީގައި ވަނީ ފާހަގަކޮށްފަ އެވެ.

