ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓާންޝިޕް ޕްރޮގްރާމްގެ ދަށުން، ޓެކްނޮލޮޖީ ދާއިރާއަށް ހާއްސަ 25 ފުރުސަތަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.

މި ޕްރޮގްރާމަކީ ޒުވާން ދިވެހިންނަށް ބޭންކުގެ ޓެކްނޮލޮޖީ އަދި އެ ނޫންވެސް އެކި ދާއިރާތަކުން އަމަލީ ތަޖުރިބާ ހޯދައިދިނުމަށް ފަރުމާކޮށްފައިވާ ފުރުސަތެކެވެ. މި ޕްރޮގްރާމްގެ ދަށުން ބޭންކުގައި 1 އަހަރު ދުވަހު މަސައްކަތްކުރުމުގެ ފުރުސަތު ލިބޭނެ އެވެ.

މި ޕްރޮގްރާމްގެ ތެރެއިން ބޭންކުން ކުރިއަށްގެންދާ މުހިންމު މަޝްރޫއުތަކުގައި ބައިވެރިވުމާއި، ތަޖުރިބާކާރު މުވައްޒަފުންގެ އިރުޝާދުގެ ދަށުން މަސައްކަތް ދަސްކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އިންޓާންޝިޕަށް ހޮވޭ ފަރާތްތަކަށް މަހަކު 11,000 ރުފިޔާގެ އެލަވަންސަކާއި، ރޯދަ އިނާޔަތުގެ އިތުރުން، އަހަރީ ޗުއްޓީގެ ގޮތުގައި 15 ދުވަސް އަދި އާއިލީ ޒިންމާގެ ބޭނުމަށް 10 ދުވަސް ލިބޭނެ އެވެ.

މި ފުރުސަތަށް ކުރިމަތިލެވޭނީ 18 އަހަރު ފުރިފައިވާ، ޓެކްނޮލޮޖީއާ ގުޅުންހުރި ދާއިރާއަކުން ތައުލީމު ހާސިލުކުރަމުންދާ ނުވަތަ ތައުލީމު ފުރިހަމަކޮށްފައިވާ ދިވެހީންނަށެވެ. މީގެ އިތުރުން، މި ދާއިރާއިން ފަންނީ ހުނަރު ހުރި ފަރާތްތަކަށްވެސް ފުރުސަތުވަނީ ހުޅުވާލެވިފަ އެވެ.

2018 ވަނަ އަހަރުން ފެށިގެން ކުރިއަށްގެންދާ މި ޕްރޮގްރާމްގެ ދަށުން މިހާތަނަށް ހަތް ބެޗެއްގައި 98 އިންޓާނުން ތަމްރީނު ފުރިހަމަކޮށްފައިވާއިރު، އޭގެ ތެރެއިން %60 ބައިވެރިންނަށް ބޭންކުގެ ދާއިމީ ވަޒީފާ ވަނީ ލިބިފަ އެވެ. އަދި މި ޕްރޮގްރާމްގައި ރަނގަޅަށް މަސައްކަތްކުރާ ފަރާތްތަކަށް ބޭންކުގެ ދާއިމީ ވަޒީފާ ހޯދުމުގެ މަގު ފަހިވެގެންދާނެ އެވެ.