އިޓަލީގެ ކުންފުންޏަކުން އިންވެސްޓްކޮށްގެން ގދ. ކޮޑެގަލާގައި ތަރައްގީކުރި 20 ކޮޓަރީގެ "ނިލާ ކޮރަލް އައިލެންޑް" ރިސޯޓު ރަސްމީކޮށް ހުޅުވައިފި އެވެ.
ޓޫރިޒަމް މިނިސްޓްރީން ބުނީ ގދ. އަތޮޅުގައި މި ރިސޯޓު ހުޅުވުމާއެކު އެ ސަރަހައްދުގައި ވަޒީފާގެ ފުރުސަތުތައް އިތުރުވެ، ވިޔަފާރިތަކަށްވެސް ފުރުސަތުތައް ފަހިވެގެންދާނެ ކަމަށެވެ. އަދި ވިޒިޓް މޯލްޑިވްސް އިޔާ 2027 އާ އެކު ކޮންމެ ރިސޯޓަކީވެސް ރާއްޖެއަށް ޒިޔާރަތްކުރާ މީހުންގެ އަދަދު އިތުރުކޮށް، ފަތުރުވެރިކަމުގެ ފައިދާ އިތުރު ރަށްތަކަށް ފޯރުކޮށްދިނުމަށް މަގުފަހިކޮށްދޭނެ ރިސޯޓެއް ކަމަށް އެ މިނިސްޓްރީން ފާހަގަކުރި އެވެ.
ގައްދޫ ހުޅަނގު އުތުރުން އޮންނަ ކޮޑެގަލާއަކީ ޒަމާންތަކެއް ވަންދެން ފިޝަރީޒް މިނިސްޓްރީގެ ބެލުމުގެ ދަށުގައި އޮތް 3.4 ހެކްޓަރުގެ ކުޑަ ފަޅު ރަށެކެވެ. ޓޫރިޒަމްގެ ބޭނުންތަކަށް މި ރަށް ހާއްސަކުރީ ނިމިދިޔަ ސަރުކާރުގައި ކްރޮސް ސަބްސިޑީ އުސޫލުން މަޝްރޫއުތަކަށް ފައިސާ ހޯދުމަށް ދޫކުރާ ރަށެއްގެ ގޮތުގަ އެވެ.
ކްރޮސް ސަބްސިޑީ އުސޫލުން މި ރަށަށް އިންވެސްޓްކޮށްފައިވަނީ އިޓަކާ ހޯމް މޯލްޑިވްސް ކިޔާ ކުންފުންޏަކުންނެވެ. މި ކުންފުނީގެ ހިއްސާދާރުންނަކީ ދިވެއްސަކާއި އިޓަލީގެ ކަރީސްމާ ކުންފުންޏެވެ. މާވަރުލު އެއާޕޯޓުން ލޯންޗެއްގައި 15 މިނެޓުން ދެވޭ މި ރަށް ހުޅުވުމާއެކު، މިއީ ގދ. އަތޮޅުގައި ހުޅުވި ހަތަރު ވަނަ ރިސޯޓެވެ. އެ އަތޮޅުގައި ދެން ހިންގަމުން އަންނަ ރިސޯޓުތަކަކީ ހަވޮއްޑާ ރިސޯޓާއި، އައުޓްރިގާ ކޮނޮއްޓާ މޯލްޑިވްސް ރިސޯޓުގެ އިތުރުން އަޔާޑާ މޯލްޑިވްސް އެވެ.

