ތެލާއި އަސާސީ އެހެނިހެން ތަކެތީގެ އަގުތައް މައްޗަށް ގޮސް ސަބްސިޑީއަށް ކުރި ހޭދަ ދެގުނަވެ، ދައުލަތުގެ ބަޖެޓުން ބޭރުން 1.37 ބިލިއަން ރުފިޔާ ސަބްސިޑީއަށް ހަރަދުކޮށްފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކުރި 'ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓް' އިން ދައްކާ ގޮތުގައި، އަހަރުގެ މިހާތަނަށް ސަބްސިޑީގެ ގޮތުގައި 4.26 ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ. މިއީ މިއަހަރު ސަބްސިޑީއަށް ބަޖެޓުކުރި 2.89 ބިލިއަން ރުފިޔާއާ އަޅާބަލާއިރު އަދި މިދިޔަ އަހަރުގެ މި މުއްދަތުގައި ހަރަދުވި 2.48 ބިލިއަން ރުފިޔާއާ އަޅާބަލާއިރު ވެސް ގާތްގަނޑަކަށް ދެގުނަ އިތުރު އަދަދެކެވެ.

ސަބްސިޑީ ނިޒާމުގެ ދަށުން ކާޑުގެ ބާވަތްތަކާއި، ފެނާއި ކަރަންޓުގެ އިތުރުން ނަރުދަމާގެ ހިދުމަތްތަކުން ރައްޔިތުންނަށް ލުއި ދިނުމަށް ސަރުކާރު ކުންފުނިތަކަށް ފައިސާ ދޫކުރެ އެވެ.

ރާއްޖޭގެ ސަބްސިޑީއާއި އާސަންދަ ނިޒާމު ހިންގަނީ ދެމެހެއްޓެނިވި ގޮތެއްގައި ނޫންކަމަށް ބޭރުގެ މާލީ އިދާރާތަކާއި އޮޑިޓް ރިޕޯޓްތަކުން ފާހަގަކޮށް، އެހީ އެންމެ ހައްގުވާ ފަރާތްތަކަށް އެކަނި 'ޓާގެޓެޑް' ސަބްސިޑީ ދިނުމަށް ވަނީ ލަފާދީފަ އެވެ. ސަބްސިޑީ އުސޫލަށް އިސްލާހު ގެންނަން ކުރިން ނިންމި ނަމަވެސް، ރައްޔިތުންނަށް ދެމުންއައި ލުޔެއް އުނިނުކުރުމުގެ ގޮތުން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ނިންމެވުން ތަންފީޒުކުރުން ފަސްކުރައްވާފަ އެވެ.

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި އިގުތިސާދީ މާހިރުން ވަނީ ސަބްސިޑީ ނިޒާމަށް ގެންނަންޖެހޭ އިސްލާހުތައް ގެންނެވުން ލަސްވުމަކީ ގައުމުގެ އިގުތިސާދަށް އޮތް ބޮޑު ނުރައްކަލެއް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.