އެސްއެމްއީ ޑިޖިޓަލް އިން ދޫކޮށްފައިވާ ފައިނޭންސިން ފެސިލިޓީތަކަށް ދައްކަންޖެހޭ ފައިސާ ނުދައްކާ ކަސްޓަމަރުންނަށް 1 ނޮވެމްބަރުން ފެށިގެން ބޭންކިން ހިދުމަތްތައް މެދުކަނޑާލުމަށް ނިންމައިފި އެވެ.
މިއީ އެސްއެމްއީ ޑިޖިޓަލްގެ ފެސިލިޓީތަކަށް ގަވާއިދުން ފައިސާ ދެއްކުމަށް ބާރުއެޅުމަށާއި، ކަސްޓަމަރުންގެ އެކައުންޓްތައް ބެލެހެއްޓުމަށް އެހީތެރިވުމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.
އެހެންކަމުން، އެއްވެސް ކަހަލަ ހުރަހެއް ނެތި ހިދުމަތްތައް ބޭނުން ކުރުމަށް، ކަނޑައެޅިފައިވާ ތާރީހުގެ ކުރިން ފެސިލިޓީއަށް ފައިސާ ދައްކައި ހަލާސްކުރުމަށް އެސްއެމްއީ ޑިޖިޓަލްއިން ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ފައިސާ ނުދެއްކުމުގެ ސަބަބުން ހިދުމަތް މެދުކެނޑިއްޖެ ހާލަތެއްގައި، އެ މަހެއްގައި ދައްކަން ކަނޑައަޅާފައިވާ އަދަދު ދައްކައި ހަލާސްކުރުމުން އެއް ދުވަސް ތެރޭގައި އަލުން ހިދުމަތް ލިބޭނެ ކަމަށް ވަނީ ބުނެފަ އެވެ.
ހަމައެއާއެކު ކަސްޓަމަރުންގެ އެއްވެސް އޯވާޑިއުއެއް ވާނަމަ، ފައިސާ ދެއްކުމަށް އެކަށީގެންވާ ވަގުތު ދިނުމަށާއި ހިދުމަތްތައް މެދުކެނޑިދާނެކަން ހަނދާންކޮށްދިނުމުގެ ގޮތުން، ތާވަލުކުރެވިފައިވާ އުސޫލުން އެސްއެމްއީ ޑިޖިޓަލް އިން ކަސްޓަމަރުންނަށް މެސެޖު ފޮނުވަމުން ގެންދާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
އިތުރު މައުލޫމާތު ނުވަތަ އެހީތެރިކަން ހޯއްދެވުމަށް، އެސްއެމްއީ ޑިޖިޓަލްގެ 1613 އަށް ގުޅަން އެސްއެމްއީ ޑިޖިޓަލްއިން ވަނީ އެދިފަ އެވެ.

