ބޭރު ފައިސާ މާރުކުރުމުގެ ގަވާއިދާ ހިލާފުވުމުގެ ސަބަބުން އެމްއެސް ފައިނޭންސް ކަރަންސީ އެކްސްޗޭންޖް ޕްރައިވެޓް ލިމިޓެޑް 500،000 ރުފިޔާއިން ޖޫރިމަނާކޮށް، އެ ކުންފުނީގެ މަނީ އެކްސްޗޭންޖިން ލައިސަންސް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ހިފަހައްޓައިފި އެވެ.

މަރުކަޒީ ބޭންކުން ބުނި ގޮތުގައި އެ ކުންފުންޏަށް ސުޕަވައިޒަރީ ފިޔަވަޅު އަޅާފައި ވަނީ މަނީ އެކްސްޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދުގެ ދަށުން އަމަލުކުރަންޖެހޭ އުސޫލުތަކާ ހިލާފުވުމުންނެވެ. އެމްއެސް ފައިނޭންސްއަކީ ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ބޭރު ފައިސާ މާރުކުރުމުގެ މުއާމަލާތްތައް ކުރަމުން އައި އެއް ކުންފުންޏެވެ.

އެނގިފައިވާ ގޮތުގައި މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުން ފެށިގެން މި އަހަރުގެ ޖޫން މަހުގެ ނިޔަލަށް އެ ކުންފުނިން 18 މިލިއަނަށްވުރެ ގިނަ އެމެރިކާ ޑޮލަރުގެ މުއާމަލާތް ކޮށްފައިވެ އެވެ.

އެމްއެމްއޭއިން ވަނީ ބޭރު ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތައް ކުރުމުގައި ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް ހުރިހާ ފަރާތްތަކުން ވެސް އަމަލުކުރުމަށް އިލްތިމާސްކޮށްފަ އެވެ. އަދި ގަވާއިދުތަކާ ހިލާފުވާ ފަރާތްތަކަށް ކުރިއަށް އޮތްތާގައި ވެސް ތަންފީޒީ އިދާރާތަކާ ގުޅިގެން ފިޔަވަޅުތައް އަޅަމުންދާނެ ކަމުގެ އިންޒާރު މަރުކަޒީ ބޭންކުން ވަނީ ދީފަ އެވެ.

ގަވާއިދާ ހިލާފަށް ބޭރު ފައިސާގެ ވިޔަފާރިކުރާ ފަރާތްތައް ހޯދައި، އެފަދަ ކަންކަން ހުއްޓުވުމަށް ފުލުހުންނާއި ތަންފީޒީ އިދާރާތަކުން އަންނަނީ ހާއްސަ މަސައްކަތްތަކެއް ކުރަމުންނެވެ. މި މަސައްކަތްތައް ވަރުގަދަކޮށްފައި ވަނީ ހަރުކަށި ފިޔަވަޅުތަކާއެކު ބޭރު ފައިސާއާ ބެހޭ ގާނޫނަށް އިސްލާހު ގެނެސް އަމަލުކުރަން ފެށުމާ ގުޅިގެންނެވެ.

މީގެ އިތުރުން ޑޮލަރުގެ ވަގު ވިޔަފާރީގައި އުޅޭ ކަމުގެ ތުހުމަތުގައި ގިނަ އަދަދެއްގެ ބިދޭސީން އަތުލައިގަނެ، އިމިގްރޭޝަނާ ހަވާލުކުރުމުގެ އޮޕަރޭޝަންތައް ވެސް ކަމާބެހޭ އިދާރާތަކުން ދަނީ ހިންގަމުންނެވެ.