ދިވެހިރާއްޖޭގައި ބާއްވާ އެންމެ ބޮޑު އަދި އެންމެ ފޯރިގަދަ ގޭމިން އިވެންޓް ކަމުގައިވާ "ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) 2026" އަންނަ ނޮވެމްބަރު މަހުގެ 26 އިން 28 އަށް ކަލާފާނު ސްކޫލުގައި ބާއްވަން ނިންމައި އެކަން އިއުލާނުކޮށްފި އެވެ.

ދިރާގު ގޭމާސް ގިލްޑް(ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ބާއްވާ ޑީއެމްޖީސީއަކީ ރާއްޖޭގެ ގޭމިން ކޮމިއުނިޓީ އެއްތަނަކުން ބައްދަލުވެ، ވާދަވެރި މާހައުލެއްގައި ހުނަރު ދައްކާލުމަށް ލިބޭ އެންމެ ބޮޑު ފުރުސަތެވެ. މި ހާއްސަ އިވެންޓަކީ ހުރިހާ ފަރާތްތަކަށް ވެސް މުޅިން ހިލޭ ވަދެވޭ ގޮތަށް ހުޅުވައިގެން ކުރިއަށްގެންދާ ރާއްޖޭގެ ގޭމް ކުޅުމަށް ޝައުގުވެރިކަން ހުންނަ ފަރާތްތަކަށް އަންނަ ބޮޑު އީދެކެވެ.

މި އިވެންޓުގައި މޯބައިލް، ޕީސީ އަދި ކޮންސޯލް ޕްލެޓްފޯމްތަކުގައި ވާދަވެރި މުބާރާތްތަކާއި، ގޭމިން ދާއިރާގެ އެންމެ ފަހުގެ ތަޖުރިބާތައް ފެނިގެންދާނެ އެވެ. އެގޮތުން ޕަބްޖީ މޯބައިލް، މޯބައިލް ލެޖެންޑްސް ބޭންގް ބޭންގް، އަދި ރޮކެޓް ލީގްގެ ފޯރިގަދަ ފައިނަލް މެޗުތައް ކުރިއަށްދާނެ އެވެ. މި ގޭމްތަކުގެ އިތުރުން އީ.އޭ ސްޕޯޓްސް އެފް.ސީ 27 އަދި ޓެކެންގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތާއި އެކަމުގެ ތަފުސީލުތައް ވަރަށް އަވަހަށް އިއުލާނު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި މުބާރާތްތަކުގެ އިތުރުން ވެސް، މި އިވެންޓުގައި މުނިފޫހިފިލުވުމުގެ ތަފާތު އެކި ހަރަކާތްތައް ކުރިއަށްދާނެއެވެ. މީގެ ތެރޭގައި ވާޗުއަލް ރިއަލިޓީ، ރޭސިންގ ސިމިއުލޭޓާ އަދި މަގްބޫލު ޓޭބަލްޓޮޕް ގޭމެއް ކަމުގައިވާ "ޑަންޖަންސް އެންޑް ޑްރެގަންސް (ޑީއެންޑްޑީ)" ފަދަ ޝައުގުވެރި ކުޅިވަރުތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.

މި ދިޔަ އަހަރު ބޭއްވި މުބާރާތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކުން 1,500 އަށްވުރެ ގިނަ ކުޅުންތެރިން ބައިވެރިވެފައިވާއިރު، މި އަހަރުގެ މުބާރާތް ކުރިއަށްދާނީ ޖުމްލަ 150,000 ރުފިޔާގެ ބޮޑު ފައިސާގެ އިނާމަކާއެކުގަ އެވެ.

ދިވެހިރާއްޖޭގެ އެންމެ ބޮޑު ގޭމިންގ ޕްލެޓްފޯމްގެ ކަމުގައިވާ ޑީޖީޖީ އިން ދަނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އީ-ސްޕޯޓްސް އާއި ގޭމިން ކޮމިއުނިޓީ ބާރުވެރިކޮށް ކުރިއެރުވުމަށް ގިނަގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މި މުބާރާތާއި ޑީޖީޖީގެ އެހެނިހެން ހަރަކާތްތަކާ ގުޅޭ އެންމެ ފަހުގެ މައުލޫމާތު dgg.mv މެދުވެރިކޮށް ލިބިގެންދާނެ އެވެ.