ދިވެހިންގެ އުފެއްދުންތެރިކަމާއި ފަންނުވެރިކަން، އަދި އާ އީޖާދުތައް ދައްކާލުމަށް ރާއްޖޭގައި ބާއްވާ އެންމެ ބޮޑު އެކްސްޕޯ ކަމުގައިވާ "މޯލްޑިވްސް އެކްސްޕޯ 2026" ގެ ޑިޖިޓަލް ޕަރޓްނަރެއްގެ ގޮތުގައި ދިރާގުން ސޮއިކޮށްފި އެވެ.
ބީސީސީ އާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެން އިންތިޒާމުކުރާ މި އެކްސްޕޯ ބޭއްވުމަށް ހަމަޖެހިފައިވަނީ 25 އޮކްޓޫބަރު އިން 2 ނޮވެމްބަރުގެ ނިޔަލަށް، ހުޅުމާލެ ސެންޓްރަލް ޕާކުގަ އެވެ. މި އެކްސްޕޯގެ ތެރޭއިން އެންމެ ފާހަގަކޮށްލެވޭ އަދި ގިނަ ބަޔަކު އިންތިޒާރުކުރަމުންދާ "ގައުމީ އުފެއްދުންތެރިކަމުގެ މައުރަޒު"ގެ ތެރެއިން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ފަންނުވެރިންގެ ކުޅަދާނަ އަތްތެރި މަސައްކަތްތަކާއި ތަފާތު އުފެއްދުންތައް ފެނިގެންދާނެ އެވެ.
މި އެކްސްޕޯގައި ދިރާގުގެ ފަރާތުން ވަރަށް ހާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި ގޮތުން، ދިރާގު އެކްސްޕީރިއެންސް ސްޓޯލުން އެ ކުންފުނީގެ އެންމެ ފަހުގެ ހިދުމަތްތަކާއި އުފެއްދުންތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. އަދި މި ސްޓޯލަށް ޒިޔާރަތްކޮށް ދިރާގުގެ ހިދުމަތްތައް ނަންގަވާ ފަރާތްތަކަށް ހާއްސަ އޮފާތަކާއި އިތުރު ފައިދާތައް ލިބިގެންދާނެ އެވެ.
މީގެ އިތުރުން، އާއިލާއާއި ރައްޓެހިންނާއެކު އުފާވެރި މާހައުލެއްގައި ވަގުތު ހޭދަކޮށްލުމުގެ މަގު ފަހިކޮށްދިނުމުގެ ގޮތުން، ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމުކޮށްގެން ވަރަށް ހާއްސަ ގޭމް ކުޅުމުގެ ހަރަކާތްތަކެއް މި އެކްސްޕޯގައި ކުރިއަށްގެންދާނެ އެވެ. މި ހުރިހާ ހަރަކާތްތަކެއްގައި މުޅިން ހިލޭ ބައިވެރިވެވުމުގެ އިތުރުން އިނާމުތައް ހޯދުމުގެ ފުރުސަތު ވެސް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
ޑީޖީޖީއިން މޯލްޑިވްސް އެކްސްޕޯގައި ހިންގާ ގޭމިންގ ހަރަކާތްތަކުގެ ތެރޭގައި ޒުވާނުންގެ މެދުގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެފްސީ 27، މޯޓަލް ކޮމްބެޓް، ސްޓްރީޓް ފައިޓާ 6، ނަރުޓޯ އަލްޓިމޭޓް ނިންޖާ ސްޓޯމް 6 އަދި ބްރޯލްހަލާ ފަދަ ގޭމްތައް ވަނީ ހިމަނައިފަ އެވެ. އަދި ޖީޓީ 7 ރޭސިން ސިމިއުލޭޓަރާއި ބީޓް ސޭބަރ ފަދަ ވާޗުއަލް ރިއަލިޓީ (ވީ.އާރް) ގޭމްތައް ތަޖުރިބާކޮށްލުމުގެ ފުރުސަތު ވެސް މުޅިން ހިލޭ ލިބިގެންދާނެ އެވެ. ހަމައެއާއެކު، ކޮންމެ ދުވަހަކު ވެސް ވަކި ޗެލެންޖްތަކެއް ފުރިހަމަކުރާ ފަރާތްތަކަށް އަގުހުރި އިނާމުތަކެއް ދިނުމަށް ވެސް ވަނީ ހަމަޖެހިފަ އެވެ.
ދިރާގުން ދަނީ މުޖުތަމައުއަށް ފައިދާކުރަނިވި، ރާއްޖޭގެ ވިޔަފާރިތަކަށާއި އިގުތިސާދީ ދާއިރާތަކަށް ދިރުން ގެނެސްދޭ މި ފަދަ މުހިންމު ހަރަކާތްތަކަށް އެއްބާރުލުންދީ، ޒަމާނީ އައު އީޖާދުތަކަށް މަގުފަހިވެ، ދިވެހިންގެ ދިރިއުޅުމަށް އިތުރު ފާގަތިކަމާއި ކުރިއެރުން ހޯދައިދިނުމަށް އެހީތެރިވެދޭ އިވެންޓްތަކާއި އިނީޝިއޭޓިވްތަކުގައި އެންމެ ކުރީސަފުގައި ބައިވެރިވަމުންނެވެ.

