ބޭންކް އޮފް މޯލްޑިވްސް އިން މި އަހަރުގެ ސްޓާޓަޕް ގްރާންޓަށް އެދި ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މި ޕްރޮގްރާމުގެ ދަށުން ހޮވޭ ދެ ފަރާތަކުން ކުރެ ކޮންމެ ފަރާތަކަށް، ވިޔަފާރި އަލަށް ފެށުމަށް ނުވަތަ އިތުރަށް ފުޅާކުރުމަށްޓަކައި 500،000ރުފިޔާގެ މާލީ އެހީތެރިކަން ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެއިތުރުން، ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގޮތުން، ބޭންކުގެ ހާއްސަ ރިލޭޝަންޝިޕް މެނޭޖަރެއްގެ އިރުޝާދާއެކު އެއް އަހަރު ދުވަހުގެ މެންޓާޝިޕް ސަޕޯޓް ވެސް ބީއެމްއެލްއިން ފޯރުކޮށްދޭނެ އެވެ. އާންމު ފަރުދުންނާއި އަލަށް ރަޖިސްޓްރީ ކޮށްފައިވާ ވިޔަފާރިތަކަށްވެސް މި ގްރާންޓަށް އެދި ހުށަހެޅޭނެ އެވެ.
ސްޓާޓަޕް ގްރާންޓަށް އެދި 10 ނޮވެންބަރު ވަނަ ދުވަހުގެ ހަވީރު 2:00 ގެ ކުރިން [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅަން ޖެހޭނެ އެވެ. ރާއްޖޭގައި ވިޔަފާރިއެއް ފެށުމަށް ނުވަތަ ފުޅާކުރުމަށް ފަންޑު ހޯދުމަށް މަގުފަހިކޮށްދިނުމަށް އަމާޒުކޮށްގެން ބީއެމްއެލް ސްޓާޓަޕް ގްރާންޓް ތައާރަފްކުރީ 2022 ވަނަ އަހަރުގަ އެވެ.
މި ގްރާންޓަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި، އުމުރުން 18 އަހަރާއި 60 އަހަރާ ދެމެދުގެ ދިވެހި ރައްޔިތަކަށް ވުމާއެކު، އީޖާދީ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކާމިޔާބުކަމާއެކު ހިންގިދާނެ ފަދަ ވިޔަފާރި ޕްލޭނެއް އޮތުން ހިމެނެ އެވެ.

