ޓެކްސް އާމްދަނީއަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބުނު ނަމަވެސް، ދައުލަތުގެ ހަރަދުތައް އިންތިހާއަށް މައްޗަށް ގޮސް ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 4.50 ބިލިއަން ރުފިޔާއަށް އަރައިފި އެވެ.

ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަހުގެ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓްސް ރިޕޯޓުން ދައްކާ ގޮތުގައި، މި އަހަރުގެ އޮކްޓޫބަރު 15 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު ވަނީ 36.39 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 16.9 އިންސައްތައިގެ ބޮޑު އިތުރުވުމެކެވެ.

ހަރަދުތައް މައްޗަށް ދިޔުމުގެ މައިގަނޑު ސަބަބަކީ ހިންގުމުގެ ހަރަދު ނުވަތަ ރިކަރަންޓް ހަރަދު ބޮޑުވުމެވެ. އެގޮތުން ރިކަރަންޓް ހަރަދު 31.35 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ސަބްސިޑީއަށް ކުރި ހަރަދު ވަނީ 73.3 އިންސައްތަ އިތުރުވެ 4.31 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ. އަދި އާސަންދައަށް ކުރި ހަރަދު 16.9 އިންސައްތަ އިތުރުވެ 1.92 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މުވައްޒަފުންގެ މުސާރައާއި އިނާޔަތްތަކަށް އެކަނިވެސް 5.56 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.

މީގެއިތުރުން ކެޕިޓަލް ހަރަދުތައް ވެސް 15.2 އިންސައްތަ އިތުރުވެ 5.04 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ބިމާއި އިމާރާތްތަކަށް ކުރި ހަރަދު ވަނީ 1.57 ބިލިއަން ރުފިޔާއަށް އުފުލިފަ އެވެ.

މި މުއްދަތުގެ ތެރޭގައި ޖީޖީއެސްޓީއާއި ވިތުހޯލްޑިން ޓެކްސް ފަދަ ދާއިރާތަކުން ލިބުނު އާމްދަނީ އިތުރުވެ، ޖުމްލަ ޓެކްސް އާމްދަނީގެ ގޮތުގައި 24.63 ބިލިއަން ރުފިޔާ އަދި ޖުމްލަ އާމްދަނީގެ ގޮތުގައި 31.89 ބިލިއަން ރުފިޔާ ލިބުނު ނަމަވެސް، ހަރަދުތައް ކޮންޓްރޯލް ނުކުރެވުމުގެ ސަބަބުން ދައުލަތުގެ މާލީ ދަރަނި ނުވަތަ ޑެފިސިޓް ވަނީ ނުރައްކާތެރި މިންވަރަކަށް ބޮޑުވެފަ އެވެ.