އަންނަ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓުގެ ގޮތުގައި 59.7 ބިލިއަން ރުފިޔާގެ ބަޖެޓެއް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު މިއަދު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.
މި އަހަރަށް ފާސްކޮށްފައިވާ 64.2 ބިލިއަން ރުފިޔާގެ ރެކޯޑު ބަޖެޓާ އަޅައިބަލާއިރު، އަންނަ އަހަރަށް ލަފާކުރާ ބަޖެޓު ގާތްގަނޑަކަށް 4 ބިލިއަން ރުފިޔާއިން ކުޑަވެފައި ވަނީ ދައުލަތުގެ ހަރަދުތައް ކުޑަކުރުމަށާއި މާލީ އިސްލާހުތައް ގެނައުމަށް ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކުގެ ދަށުން ކަމަށް މިނިސްޓަރު ޒަރީރު ވިދާޅުވި އެވެ.
ބަޖެޓުގެ ޖުމްލަ އަދަދު ދަށްވި ނަމަވެސް ދައުލަތް ހިންގުމަށް ހިނގާ ދާއިމީ ނުވަތަ ރިކަރަންޓު ހަރަދުތައް ވަނީ އިތުރުވެފަ އެވެ. އެގޮތުން އަންނަ އަހަރުގެ ރިކަރަންޓް ހަރަދަށް 42.7 ބިލިއަން ރުފިޔާ އަރާނެ ކަމަށް ލަފާކޮށްފައިވާއިރު، މިއީ މި އަހަރަށް ލަފާކުރި 42.5 ބިލިއަން ރުފިޔާއާ އަޅާބަލާއިރު 0.2 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީގެއިތުރުން 2025 ވަނަ އަހަރު ރިކަރަންޓް ޚަރަދަށް 37.4 ބިލިއަން ރުފިޔާ ވަނީ ހަރަދުވެފަ އެވެ.
ފިނޭންސް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ އާމްދަނީ އިތުރުވި ނަމަވެސް ދައުލަތުގެ ހަރަދުތައް ވަނީ މަތިވެފަ އެވެ. އެގޮތުން އޮކްޓޫބަރު 15 ގެ ނިޔަލަށް ދައުލަތުގެ ޖުމްލަ ހަރަދު 36.39 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، މިއީ މިދިޔަ އަހަރަށްވުރެ 16.9 އިންސައްތައިގެ އިތުރުވުމެކެވެ. އަދި މީގެ ތެރެއިން ރިކަރަންޓް ހަރަދު އެކަނިވެސް 31.35 ބިލިއަން ރުފިޔާއަށް އަރަ އެވެ.
އަންނަ އަހަރުގެ ބަޖެޓުގައި ރިކަރަންޓް ހަރަދުތައް ބެހިފައިވާ ގޮތަށް ބަލާއިރު، މުސާރައާއި އުޖޫރައަށް 7.9 ބިލިއަން ރުފިޔާ، މުވައްޒަފުންގެ އެލަވަންސްތަކަށް 6.5 ބިލިއަން ރުފިޔާ، ޕެންޝަނާއި ދުވަސްވީ މުވައްޒަފުންގެ ފައިސާއަށް 2.6 ބިލިއަން ރުފިޔާ، އަދި ސަރުކާރުން ދޭ އެހީ، އިޝްތިރާކާއި ސަބްސިޑީއަށް 13.9 ބިލިއަން ރުފިޔާ ކަނޑައަޅާފައިވެ އެވެ. މީގެއިތުރުން ލޯނުގެ ހިދުމަތުގެ ހަރަދަށް 4.9 ބިލިއަން ރުފިޔާ، އޮފީސް ހިންގުމުގެ ހިދުމަތްތަކަށް 2.6 ބިލިއަން ރުފިޔާ، ހިދުމަތް ދިނުމަށް ހޯދާ ތަކެއްޗަށް 1.7 ބިލިއަން ރުފިޔާ، އޮފީސް ހިންގުމަށް ހޯދާ ތަކެއްޗަށް 978 މިލިއަން ރުފިޔާ، ތަމްރީނު ކުރުމަށް 700.7 މިލިއަން ރުފިޔާ، މަރާމާތު ކުރުމާއި ބެލެހެއްޓުމަށް 444.7 މިލިއަން ރުފިޔާ، ދަތުރުފަތުރަށް 246.7 މިލިއަން ރުފިޔާ އަދި ލިބިފައިވާ ނުވަތަ ލިބިދާނެ ގެއްލުން ހަމަޖެއްސުމަށް 1.2 މިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ އެވެ.

