ދިރާގުގެ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ (ސީއެސްއާރު) ގެ ދަށުން ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކޮށް ބާރުވެރިކުރުވުމަށް ކުރިއަށްގެންދާ "ދިރާގު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2027" ގައި ބައިވެރިވުމުގެ ފުރުސަތު އެ ކުންފުނިން މިއަދު ހުޅުވާލައިފި އެވެ.

މިއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ތައާރަފްކުރި މިފަދަ ފުރަތަމަ ކޯޕަރޭޓް އެޕްރެންޓިސްޝިޕް ޕްރޮގްރާމެވެ. މި ޕްރޮގްރާމްގެ މައިގަނޑު މަގްސަދަކީ ޒުވާނުން ވަޒީފާގެ މާހައުލަށް އަހުލުވެރިކުރުވުމާއި، އެކި ދާއިރާތަކުން ތަމްރީނާއި ތަޖުރިބާ ހޯދައި، މަސައްކަތްކުރަމުން އާމްދަނީ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ.

މި ޕްރޮގްރާމް އަމާޒުކުރެވިފައިވަނީ އުމުރުން 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށެވެ. އެގޮތުން އޭލެވެލް ނިންމާފައިވާ، ފުލްޓައިމް ވަޒީފާއެއް އަދާނުކުރާ ހުރިހާ ޒުވާނުންނަށްވެސް މި ޕްރޮގްރާމްގައި ބައިވެރިވެވޭނެ އެވެ.

މި ޕްރޮގްރާމްގެ ތަމްރީނުތައް މާލޭގެ އިތުރުން ކުޅުދުއްފުށި ސިޓީ، ބ. އޭދަފުށި އަދި ލ. އަތޮޅުގައި ގާއިމުކުރެވިފައިވާ ދިރާގު އޮޕަރޭޝަން ސެންޓަރުތަކުގައި ކުރިއަށްދާނެ އެވެ. ޝައުގުވެރިވާ ފަރާތްތަކުން 30 ނޮވެމްބަރުގެ ނިޔަލަށް ދިރާގުގެ ވެބްސައިޓް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފަ އެވެ.

މި ޕްރޮގްރާމްގެ ދަށުން ދިރާގުގެ އެނަލިޓިކްސް އެންޑް ބިޒްނަސް އިންޓެލިޖެންސް، ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، ކްލައުޑް އެންޑް އައިޓީ ސާވިސަސް، ކޯޕަރޭޓް ސާވިސަސް، ސައިބާ ސެކިއުރިޓީ، ފައިނޭންޝަލް އެކައުންޓިން، ހިއުމަން ރިސޯސަސް، ރެވެނިއު އެޝުއަރެންސް އެންޑް ބިޒްނަސް ކޮންޓްރޯލް، ސޭލްސް، ސްޓޯސް އެންޑް ޕްރޮކިއުމަންޓް، އެޑްމިނިސްޓްރޭޝަން އަދި ޓެކްނޮލޮޖީ ދާއިރާއިން ތަމްރީނާއި ތަޖުރިބާ ލިބޭނެ އެވެ. އަދި ބައިވެރިންގެ ސޮފްޓް ސްކިލްސް ތަރައްގީކުރުމާއި، ވަގުތު މެނޭޖްކުރުމާއި، ޕްރޮޖެކްޓް މެނޭޖްކުރުން ފަދަ ހިންގުންތެރިކަމުގެ ހުނަރުތަކާއި ޕްރެޒެންޓޭޝަން ދިނުމުގެ ތަމްރީނުތައް ދިރާގުގެ ތަމްރީނުކުރާ މުވައްޒަފުން ފޯރުކޮށްދޭނެ އެވެ.

2009 ވަނަ އަހަރުން ފެށިގެން ދިރާގުން ކުރިއަށްގެންދާ މި ޕްރޮގްރާމްގައި މިއަދުގެ ނިޔަލަށް ޖުމްލަ 312 ޒުވާނުން ވަނީ ބައިވެރިވެފަ އެވެ. މި ޕްރޮގްރާމްގެ ކުރީގެ ގިނަ ބައިވެރިން ދަނީ ދިރާގާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައިވާ އެހެނިހެން ޖަމްޢިއްޔާތަކާއި މުއައްސަސާތަކުގައި ވަޒީފާ އަދާކުރަމުންނެވެ.