އެމްއެމްއޭ އިން މަނީ ޗޭންޖިންގ ވިޔަފާރިކުރުމުގެ ލައިސަންސް ދީފައިވާ ފަރާތްތަކުގެ މަސައްކަތްތައް ޒަމާނީކޮށް ހަރުދަނާކުރުމުގެ ގޮތުން "މަނީ ޗޭންޖަރ ސިސްޓަމް" އިފްތިތާހުކޮށްފި އެވެ.
މި ސިސްޓަމް އިފްތިތާހުކޮށްދެއްވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ޑެޕިއުޓީ ގަވަރުނަރު އައިޝަތު އަސްނާ ހަމްދީ އެވެ. މިއީ މަނީ ޗޭންޖިން ވިޔަފާރިކުރާ ފަރާތްތަކުގެ އިދާރީ އަދި އޮޕަރޭޝަނަލް މަސައްކަތްތައް ޑިޖިޓަލް ކުރުމަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ.
މި ސިސްޓަމްގެ ސަބަބުން، އިދާރީ މަސައްކަތްތައް އޮޓޮމޭޓްކުރެވި، އެމްއެމްއޭ އާއި ލައިސަންސް އޮންނަ ފަރާތްތަކާ ދެމެދު ކުރެވޭ މުއާމަލާތްތައް އަވަސްވެ ފަސޭހަކަމާއެކު ކުރެވިގެންދާނެ އެވެ. އަދި މުއާމަލާތްތައް ރިކޯޑްކުރުމަށާއި ރިޕޯޓްކުރުމަށް ވެސް ފަސޭހަވެގެންދާނެ އެވެ. އެ ގޮތުން، މި ސިސްޓަމް މެދުވެރިކޮށް ގަވާއިދުން ފޮނުވަންޖެހޭ މައުލޫމާތުތައް ހިއްސާކުރުމުގެ އިތުރުން، ފައިސާ މާރުކުރުމުގެ މުއާމަލާތްތަކުގެ ރިޕޯޓުތައް ހުށަހެޅޭނެ އެވެ. މީގެ ސަބަބުން މި ދާއިރާގެ ކަންކަން ސުޕަވައިޒްކޮށް ބެލެހެއްޓުމުގައި އިތުރު ފަސޭހަތަކެއް ލިބި މާލީ ދާއިރާ އިތުރަށް ހަރުދަނާވުމަށް މަގުފަހިވެގެންދާނެކަމަށް އެމްއެމްއޭއިން ހާމަކުރެ އެވެ.
އަންނަ މަހުގެ އެކަކުން ފެށިގެން، މަނީ އެކްސްޗޭންޖް ލައިސަންސް އޮންނަ ހުރިހާ ފަރާތްތަކަކުން ވެސް މުއާމަލާތްތައް ރެކޯޑްކޮށް ރިޕޯޓް ކުރުމަށް ބޭނުންކުރާނީ މި ސިސްޓަމެވެ.

