ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން އިންޑިއާއިން ނަގާފައިވާ ޖުމްލަ ލޯނުތަކުގެ އަދަދު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ޗައިނާއިން ނަގާފައިވާ ލޯނުތަކަށް ވުރެ އިތުރުވެއްޖެ އެވެ

މޯލްޑިވްސް ފައިނޭންޝަލް ރިވިއުގައި ޝާއިކުކޮށްފައިވާ ލިޔުމެއްގައި ބުނެފައިވަނީ މިސަރުކާރަށް ދެ އަހަރާއި ބައިވިއިރު އިންޑިއާއިން ނަގާފައިވާ ލޯނުގެ އަދަދު ޗައިނާއިން ނެގި ލޯނުގެ އަދަދަށް ވުރެ އިތުރުވެފައިވާ ކަމަށެވެ.

ފިނޭސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާތު ހިސާބުތަކުން ދައްކާ ގޮތުގައި ޗައިނާއިން ނަގާފައިވާ ލޯނުގެ އަދަދަކީ 1.56 ބިލިއަން އެމެރިކާ ޑޮލަރެވެ. އެއީ ގާތްގަނޑަކަށް 24 ބިލިއަން ދިވެހި ރުފިޔާއެވެ.

އެ ލޯނުތަކުގެ ތެރޭގައި ހިމެނެނީ، އުމްރާނީ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށް ޗައިނާގެ އެގްޒިމް ބޭންކުން ނަގާފައިވާ 666 މިލިއަން ޑޮލަރާއި ސަރުކާރުގެ ކުންފުނިތަކާއި އަމިއްލަ ކުންފުންޏެއް ހިމެނޭ ގޮތަށް އެކި ކުންފުނިތަކަށް ސަރުކާރުން ދީފައިވާ ސޮވެރިން ގެރެންޓީގެ 898 މިލިއަން ޑޮލަރެވެ.

ފިނޭންސް މިނިސްޓްރީގެ ހިސާބުތަކަށް ބަލާއިރު އިންޑިޔާއިން މިހާތަނަށް 1.85 ބިލިއަން ޑޮލަރު ނަގާފައިވާ ކަމަށެވެ. އެއީ ގާތްގަނޑަކަށް 28 ބިލިއަން ރުފިޔާ އެވެ.

އިންޑިޔާއިން ނަގާފައިވާ ދަރަނީގެ އަދަދު އެއަށް ވުރެ ވެސް އިތުރުވުން އެކަށީގެންވާ ކަމަށް ވެސް އެ ރިވިއުގައިވަނީ ފާހަގަ ކޮށްފަ އެވެ.

އިންޑިއާއިން ގިނަ އަދަދެއްގެ ލޯނު ނަގާފައިވީ ނަމަވެސް މިހާތަނަށް އެ ލޯނުތަކުން ހިންގަން އިއުލާނުކުރި ބޮޑެތި މަޝްރޫއުތަކުގެ އަމަލީ މަސައްކަތް ނުފެށިވާކަން ފާހަގަކުވެ އެވެ.

އިންޑިއާއިން ނަގާފައިވާ ލޯނުގެ އަދަދު އިތުރުވެފައިވާއިރު ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ޗައިނާއިން ލޯނު ނަގާފައިވާތީ އެކަމަށް ވަރަށް ބޮޑަށް ފާޑުކިޔާފައިވެ އެވެ. އަދި އެމްޑީޕީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ޗައިނާގެ ލޯނު ދައްކާ ދުވަހަކު ވެސް ނުނިމޭނެ ކަމަށް ވަރަށް ގިނަ ފަހަރު ވިދާޅުވެފައިވެ އެވެ.