ހދ. ނެއްލައިދޫ އަދި ލ. އިސްދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއު ބާރަށް ކުރިޔަށް ދާކަމަށް މި މަސައްކަތް ކުރަމުން އަންނަ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އެމްޓީސީސީއިން ބުނީ ހދ.ނެއްލައިދޫގެ ބަނދަރު ހެދުމުގެ މަޝްރޫޢުގެ ދަށުން 70 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، ބަނދަރުގެ ޕޭވްމަންޓް ހެދުމުގެ މަސައްކަތުގެ 86 ޕަސެންޓް ނިމިފައިވާ ކަމަށް ވެސް އެ ކުންފުނިން ހާމަކޮށްފައިވެ އެވެ.

މި މަޝްރޫޢުގެ ދަށުން ނެއްލައިދޫގައި ބަނދަރު ފުންކުރުމާއި ބިން ހިއްކުމާއި، ބޭރުތޮށިލުމަށް ހަމަޖެހިފައިވާ ކަމަށް އެކުންފުނިން ބުނެ އެވެ.

އެމްޓީސީސީއިން ބުނިގޮތުގައި ލ. އިސްދޫގެ ބަނދަރު ހެދުމުގެ މަޝްރޫއުގެ ދަށުން 85 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށެވެ. އެގޮތުން އިސްދޫ ބަނދަރުގެ އެއްގަމު ތޮށިލުމުގެ މަސައްކަތް މިހާރު ވަނީ ނިންމާލައިފަ އެވެ.

މި ދެ މަޝްރޫއަކީވެސް މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ. އެގޮތުން ނެއްލައިދޫ ބަނދަރު ހެދުމަށް 47.62 މިލިއަން ރުފިޔާގެ ހަރަދުވާނެ ކަމަށް ލަފާކުރާއިރު އިސްދޫ ބަނދަރު ތަރައްގީ ކުރުމަށް ހަރަދުވަނީ 34.7 މިލިއަން ރުފިޔާ ކަމަށް އެމްޓީސީސީ އިން ބުނެ އެވެ.