ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ ވެރިންގެ ފަރާތުން މާލޭ ސިޓީގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒަށް ސިޓީއެއް ހަވާލުކޮށްފި އެވެ.

އެ ސިޓީ މޭޔަރާ ހަވާލުކުރީ މާލޭގެ އުތުރު ފަރާތުގައިވާ ދަތުރުވެރިންގެ މާރުކޭޓާއި ލޯކަލް މާރުކޭޓާއި މަސްވެރިންގެ މާރުކޭޓުގެ ހާލަތު ހުރި ގޮތް ބަލައިލުމަށް މުއިއްޒު އިއްޔެ ކުރި ޒިޔާރާތުގަ އެވެ. އެ ސިޓީ ހުރީ މާރުކޭޓުގެ ގޮޅިއެއްގެ ކުރިމަތީގައި ހަރުކޮށްފަ އެވެ.

މޭޔަރު ވަނީ އެ ސިޓީ ވިދާޅުވެފަ އެވެ. އަދި ސިޓީގައި ފާހަގަކޮށްފައިވާ ކަންބޮޑުވުމަށް ހައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ވެސް ގޮޅިތަކުގެ ވެރިންނަށް ޑރ. މުއިއްޒު ދެއްވި އެވެ.

ސިޓީގައި މައިގަނޑު ގޮތެއްގައި ފާހަގަކޮށްފައިވާ މައްސަލަ އަކީ ލޯކަލް މާރުކޭޓުގެ ގޮޅިތަކަށް ވުރެ ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތައް ކުޑަވި ނަމަވެސް ދެ މާރުކޭޓުގެ ގޮޅިތަކަށް ވެސް އެއްވަރެއްގެ ކުއްޔެއް ދައްކަންޖެހޭ މައްސަލަ އެވެ. މާރުކޭޓު ގޮޅިތަކަށް ކުލީގެ ގޮތުގައި މަހަކު ދައްކަންޖެހެނީ 2،150 ރުފިޔާ އެވެ.

"ވީމާ މިފަދަ ތަފާތުތަކަށް މަނިކުފާނު ބަދަލު ގެންނަވާނެ ކަމަށް ދެކެމެވެ. ބޮޑު ގޮޅިއަށް ކުޑަގޮޅިއަށް ފައިސާ އެއްވަރު. ދަތުރުވެރިންގެ މާރުކޭޓް ގޮޅި ބޮޑުކުރުމާއި ގޮޅިއަށް ފީގެ ގޮތުގައި ނަގާ ފައިސާ ކުޑަކުރުމާއި މިދުވަސްވަރު މީހުންގެ ހާލަތަށް ބެއްލެވުން މުހިއްމު،" ސިޓީގައި ބުނެފައިވެ އެވެ.

މާލޭގެ މޭޔަރު ކަމާ މުއިއްޒު ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ނިންމި ނިންމުންތަކުގެ ތެރޭގައި މާލޭގައި ދުއްވާ ކާރުތައް ޕާކްކުރުމަށް ހާއްސަކޮށްފައިވާ ޖާގަތަކަށް ކުލީގެ ގޮތުގައި ކުރިން ނަގަމުން އައި 3،000 ރުފިޔާ 750 ރުފިޔާއަށް ކުޑަކުރަން ވަނީ ނިންމާފަ އެވެ.

އެ ނިންމުމަށް އިޝާރާތްކޮށް ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކުގެ ވެރިންގެ ސިޓީގައި ބުނެފައި ވަނީ މާރުކޭޓުގެ ގޮޅިތަކުގެ ވެރިންގެ ހާލު މާބޮޑު ކަމަށެވެ. އެހެންކަމުން ގޮޅިތަކުގެ ކުލި ކުޑަކޮށްދިނުމަށް އެ މީހުން އެދުނެވެ.