ގދ. ފަރެސްމާތޮޑާގައި ހަދާ އެއާޕޯޓުގެ ރަންވޭގައި ތާރު އަޅަން ތައްޔާރުވަމުން އަންނަ ކަމަށް އެމްޓީސީސީން މިއަދު ބުނެފި އެވެ.

ފަރެސްމާތޮޑާގެ ފަޅު ތެރެއިން ބައެއް ހިއްކައިގެން އެއާޕޯޓް ތަރައްގީކުރަން ސަރުކާރުން ހަވާލުކޮށްފައި ވަނީ އެމްޓީސީސީއާ އެވެ.

އެ އެއާޕޯޓް ތަރައްގީކުރުމުގެ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތު ދިނުމުގެ ގޮތުން އެމްޓީސީސީން މިއަދު ކުރި ޓްވީޓެއްގައި ބުނެފައި ވަނީ އެއާޕޯޓުގެ ރަންވޭއާއި ޓާނިން ޕެޑްގެ ސަބްގްރޭޑް މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ.

ފަރެސްމާތޮޑާ އެއާޕޯޓުގެ ރަންވޭގެ ސަބްގްރޭޑް މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ ކޮނުމުގެ މަސައްކަތް ޖެނުއަރީ މަހު ފެށިގެން ކުރިއަށްދާއިރު މިއެއާޕޯޓްގެ މަސައްކަތް ނިމުމަށް ކަނޑައަޅާފައި ވަނީ މިއަހަރުގެ ނޮވެމްބަރު މަހު އެވެ. މި މަޝްރޫއުގެ ދަށުން، 1،200 މީޓަރުގެ ރަންވޭއަކާއި، ޓެކްސީވޭ އަކާއި، އޭޕްރަންގެ އިތުރުން ސާވިސް ރޯޑު އިމާރާތް ކުރާނެ އެވެ.

ޕްލޭނިން މިނިސްޓްރީން އެމްޓީސީސީއާ މި މަޝްރޫއު ހަވާލުކޮށްފައިވަނީ 144.8 މިލިއަން ރުފިޔާއަށެވެ.

މިއީ ގދ. އަތޮޅުގައި ހަދާ ތިންވަނަ އެއާޕޯޓެވެ. މީގެ ކުރިން އެ އަތޮޅު ކާޑެއްދު އާއި މާވަރުލުގައި ވެސް ވަނީ އެއާޕޯޓެއް ހަދައިފަ އެވެ.