ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހިންގާ "އަހަރެންގެ ބޭންކް" ކޮމިއުނިޓީ ފަންޑަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެ ބޭންކުން ބުނިގޮތުގައި މިއަހަރުގެ ދެވަނަ ފިޔަވަހީގައި ހުށަހަޅާ ޕްރޮޕޯސަލްތަކުގެ ތެރެއިން އެންމެ ރަނގަޅު ފަސް ޕްރޮޕޯސަލް ހޮވާނެ އެވެ.

ބީއެމްއެލް އިން ބުނީ ކޮމިއުނިޓީ ފަންޑަށް އެދި ހުށަހެޅުމުގެ ފުރުސަތު އަމިއްލަ ފަރުދުންނާއި ރަޖިސްޓްރީކޮށްފައިވާ ޖަމިއްޔާތަކަށް ހުޅުވާލާފައިވާ ކަމަށެވެ. އެގޮތުން ތައުލީމާއި، ކުޅިވަރު ހަރަކާތްތަކުގެ އިތުރުން ތިމާވެށި ހިމާޔަތްކުރުން ފަދަ ކަންކަމަށް އަމާޒުކޮށްގެން ހުށަހަޅާ ޕްރޮޖެކްޓްތަކުގެ ތެރެއިން ހޮވޭ ކޮންމެ ޕްރޮޕޯސަލެއްގައި ހިމެނޭ ހަރަކާތް ހިންގަން 50،000 ރުފިޔާ ދިނުމަށް ހަމަޖެހިފައިވާ ކަމަށް އެ ބޭންކުން ބުންޏެވެ.

ކޮމިއުނިޓީ ފަންޑުގެ ދަށުން ޕްރޮޖެކްޓުތައް ހިންގަން ބޭނުންވާ ފަރާތްތަކަށް ޖޫން 12 ވަނަ ދުވަހުގެ ރޭ 11:59ގެ ކުރިން ޕްރޮޕޯސަލް އާއި އެޕްލިކޭޝަން ފޯމު [email protected] އަށް އީމެއިލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

އެ ބޭންކުގެ ކޮމިއުނިޓީ ފަންޑަކީ އަމިއްލަ ފަރުދުންނާއި ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމިއްޔާތަކުން ރަށްރަށުގައި ހިންގަން ބޭނުންވާ ޕްރޮޖެކްޓްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވާ ފަންޑެކެވެ. މިހާތަނަށް މި ފަންޑުގެ ދަށުން ރާއްޖޭގެ 45 ރަށެއްގައި ޕްރޮޖެކްޓް ހިންގުމަށް ފައިސާގެ އެހީ ބީއެމްއެލް އިން ފޯރުކޮށްދީފައިވެ އެވެ.

ކޮމިއުނިޓީ ފަންޑާ ގުޅޭ އިތުރު މައުލޫމާތު ބޭންކުގެ ވެބްސައިޓް އިން ލިބޭނެ އެވެ.