ސަރުކާރަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުލިބި ހުރި ފައިސާތަކުގެ ތެރެއިން 472 މިލިއަން ރުފިޔާ ހޯދައިފި އެވެ.

މީރާއިން އާއްމުކޮށްފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ މާލީ ހިސާބުތަކުގެ ރިޕޯޓުން ދައްކާ ގޮތުގައި މީރާއަށް ނުލިބި ހުރި ފައިސާ ހޯދުމަށް ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން 472،137،639 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ.

މީރާއަށް ދައްކަންޖެހޭ ފައިސާގެ ތެރެއިން ނުދައްކާހުރި ފައިސާތަކުގެ ތެރެއިން 204 މިލިއަން ރުފިޔާ ހޯދާފައިވާ ޑިއުޒް ކްލިއަރެންސް މެދުވެރިކޮށް ކަމަށާއި 90 މިލިއަން ރުފިޔާ ހޯދާފައިވަނީ ރިމައިންޑާ ކޯލްސް އަދި އީމެއިލްތައް ކޮށްގެން ކަމަށް މީރާއިން ބުންޏެވެ.

ފުރަތަމަ ކުއާޓަރުގެ ތެރޭގައި ޓެކްސް ބަޔާން ހުށަހަޅާފައި ނުވާތީ 8314 ފަރާތަކަށާއި، ދައުލަތަށް ފައިސާ ދައްކަންޖެހި ނުދައްކާ ތިބި 2055 ފަރާތަކަށް އެކަން ހަނދާންކޮށްދީ ފައިނަލް ނޯޓިސް ވަނީ ހަވާލުކޮށްފަ އެވެ.

ދައުލަތަށް ފައިސާ ދައްކަންޖެހޭ ފަރާތްތަކުގެ ތެރެއިން ގަވާއިދުން ފައިސާ ނުދައްކާ ފަރާތްތަކުގެ ތެރެއިން 171 ފަރާތްތަކަށް ލުއި ގޮތްތަކެއް ހަމަޖައްސައިދީފައިވާ ކަމަށްވެސް މީރާއިން ބުނެ އެވެ.

މިއަހަރުގެ ފުރަތަމަ ކުއާޓަރުގެ ނިޔަލަށް ޓެކުހުގެ ގޮތުގައި ލިބެން ޖެހޭ، 1.9 ބިލިއަން ރުފިޔާއަށް ޖޫރިމަނާއަށް އަރާފައިވާ 2.8 ބިލިއަން ރުފިޔާއާއި އެކު ޖުމްލަ 4.7 ބިލިއަން ރުފިޔާ ނުލިބިވާ ކަމަށް މިރިޕޯޓުގައިވެ އެވެ.