ކޮވިޑާ ގުޅިގެން ތިން މިލިއަނެއްހާ ރުފިޔާ ގެއްލުންވުމުން، މަޝްހޫރު ސަލްސާ ރޯޔަލް ރެސްޓޯރަންޓް ބަންދުކޮށްފި އެވެ.

އޯކިޑްމަގުގައި ހިންގި ރެސްޓޯރަންޓް ބަންދުކުރީ 17 އަހަރަށް ފަހު އެވެ.

ސަލްސާގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް އާމިރު މިއަދު ވިދާޅުވީ 195 މީހުންގެ ޖާގައިގެ ރެސްޓޯރަންޓް ބަންދުކުރިއިރު ތިން މިލިއަނެއްހާ ރުފިޔާ ގެއްލުންވެފައިވާ ކަމަށެވެ.

"ކޮވިޑާ ގުޅިގެން އެތައް ދުވަހެއް ވަންދެން ބަންދުކުރަން ޖެހުމުން ވަރަށް ބޮޑު ގެއްލުމެއް ލިބުނު. މިވަގުތު ބަންދުކުރި ނަމަވެސް އަހަރެއްހާ ދުވަސްފަހުން މާލޭގައި އަލުން ސަލްސާ ހުޅުވާނަން،" އޭނާ ވިދާޅުވި އެވެ.

މާލޭގައި ފުޅާ ދާއިރާއެއްގައި ކޭޓަރިންގެ ޚިދުމަތް ވެސް ދެމުން އައި ސަލްސާ ބަންދުކުރިއިރު އެތަނުގައި ކޭޓަރިން އާއި ރެސްޓޯރަންޓުގައި 60 މީހުން ވަޒީފާ އަދާކުރި އެވެ.

"އެންމެ ބޮޑު މައްސަލައަކީ ކޭޓަރިން ހުއްޓިގެން ދިއުން. ކޮވިޑާއެކު އިވެންޓްތައް ބޭއްވުން ހުއްޓާލުމުން ވަރަށް ބޮޑު ގެއްލުމެއް ލިބުނު،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކޭޓަރިން އާއެކު ހިންގަން އެތަނުގައި ޒަމާނީ ފެންވަރުގެ ބޮޑު ބަދިގެއެއް ހަދާފައިވާ ކަމަށެވެ. އަދި އޭގެ އިތުރުން އެކަމަށް ބޭނުންވާ ގިނަ އަދަދެއްގެ ސާމާނު ވެސް ގެންގުޅުނު ކަމަށް އާމިރު ވިދާޅުވި އެވެ.

"އަޅުގަނޑުމެން ލަފާކުރަނީ އަހަރެއްހާ ދުވަސް ފަހުން ކަމަށް ދެން މާލޭގައި އިވެންޓެއް ބޭއްވޭވަރުވާނީ. އެހާ ގިނަ ދުވަސްވަންދެން އެތައް މުވައްޒަފުންނަށް މުސާރަ ދީގެން ގެންގުޅެވޭނެ ގޮތެއް ނެތް،" އޭނާ ވިދާޅުވި އެވެ.

ސަލްސާ ރޯޔަލް ބަންދުކުރި ނަމަވެސް ކ. ތުލުސްދު އާއި ބ. އޭދަފުށީގައި އެ ކުންފުނިން ރެސްޓޯރަންޓް ހިންގަ އެވެ.

މާލޭގައި ހިންގި ރެސްޓޯރަންޓަކީ ކައިވެނި ޕާޓީތަކާއި އެކިއެކި ހަފުލާތައް ގިނަ އަދަދަކަށް ބޭއްވި ހިތްގައިމު ރެސްޓޯރަންޓެކެވެ.