ހއ. އިހަވަންދޫ ބަނދަރު ފުންކުރުމުގެ 98 ޕަސެންޓް ނިންމާލާފައިވާ ކަމަށް އެމްޓިސީސީ އިން ބުނެފި އެވެ.

ސަރުކާރުން އިހަވަންދޫގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ރާއްޖޭގައި އެންމެ ގިނަ ބަނދަރު ތަރައްގީކުރަމުން އަންނަ ރައްޔިތުންނާއި ސަރުކާރުން ހިއްސާވާ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އާ އެވެ.

އެމްޓީސީސީން ބުނީ ބަނދަރު ފުންކުރުމުގެ މަސައްކަތް ނިންމުމަކާއި ގާތްވެފައިވާ ކަމަށެވެ. އަދި އެއްގަމު ތޮށިލުމަށް ބޭނުންވާ ކޮންކްރީޓް ގަލުގެ ފުރަތަމަ ޝިޕްމަންޓް މި މަހުގެ 22 ވަނަ ދުވަހު ޕްރޮޖެކްޓް ސައިޓަށް ގެންދެވިފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫޢުގެ ދަށުން، 30,509 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 95 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމަށް ހަމަޖެހިފައިވެއެވެ. އަދި 284 މީޓަރުގެ ސަރަޙައްދެއްގައި ބޭރު ތޮށިލުމާއި، 178 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުންވެސް ހިމެނެ އެވެ.

އޭގެއިތުރުން މަގުބައްތި އާއި ނެރު ބައްތި ހަރުކުރުމާއި، 4,582 އަކަ މީޓަރު ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނެ އެވެ.މި މަޝްރޫޢުއަކީ 48.5 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.