ކޮވިޑާއެކު މާލެ ސަރައްދުގެ 18 ހޮޓާ، ކެފޭ، ރެސްޓޯރަންޓް ބަންދުކޮށް، އެ އިންޑަސްޓްރީއަށް 20 މިލިއަނަށް ވުރެ ބޮޑު ގެއްލުމެއް ލިބިފައިވާ ކަމަށް ރެސްޓޯރަންޓް އެސޯސިއޭޝަނުން މިއަދު ބުނެފި އެވެ.

ރާއްޖޭގެ ރެސްޓޯރަންޓް، ކެފޭތައް ތަމްސީލުކުރާ ޖަމިއްޔާގެ ރައީސް އިބްރާހިމް އާމިރު (ސަލްސާ އާމިރު) ވިދާޅުވީ ކޮވިޑާއެކު މުޅި ރާއްޖޭގެ ކެފޭ، ރެސްޓޯރަންޓްތަކުން ގާތްގަނޑަކަށް 7،000 އެއްހާ މީހުންގެ ވަޒީފާ ގެއްލިފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ.

"މާލޭގެ ބޮޑެތި ރެސްޓޯރަންޓް ޗެއިންތައް ހިންގާ ކުންފުނިތަކުން އެބަހުރި 100 އެއްހާ މީހުން ވަޒީފާއިން ފޮނުވާލާފައި. ހުރިހާ ތަނަކުން ހެން ކަހަލަ ގޮތަކަށް މުވައްޒަފުން މަދުކޮށްފައިވޭ،" އޭނާ ވިދާޅުވި އެވެ.

ހުޅުމާލޭގެ ބީޗްފްރަންޓްގައި ހިންގާ ކެފޭއެއް. ކޮވިޑާއެކު ކެފޭ، ރެސްޓޯރަންޓްތަކަށް މިލިއަނުން ގެއްލުންވި -- ފޮޓޯ: އަހުމަދު އިޝާން | ހުރިހާ

އާމިރު ވިދާޅުވީ ކޮވިޑާއެކު މާލެ އާއި އަތޮޅުތަކުގައި ހުރި ކެފޭ، ރެސްޓޯރަންޓްތައް ބަންދުކުރަން ޖެހުމުން އެތައް މިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވާ ކަމަށެވެ.

އޭނާ ލަފާކުރާ ގޮތުގައި ކޮވިޑު ފެތުރެން ފެށުމުން ސަރުކާރުން އެޅި ފިޔަވަޅުތަކާ ގުޅިގެން މިހާތަނަށް ވިއްސަކަށް މިލިއަން ރުފިޔާގެ ގެއްލުމަކާ ކުރިމަތިލާން ޖެހިފައިވެ އެވެ.

ހުޅުމާލޭގެ ކެފޭއެއްގެ ބޭރުގައި ބަޔަކު ކޮފީ ބޮނީ. ކޮވިޑާއެކު ކެފޭ، ރެސްޓޯރަންޓްތަކަށް މިލިއަނުން ގެއްލުންވި -- ފޮޓޯ: އަހުމަދު އިޝާން | ހުރިހާ

"ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުގެ ސޭލްސް އެވްރެޖްކޮށް 70 ޕަސެންޓް ދަށްވެއްޖެ. ކުލި ނުދެއްކި އަދި މުސާރަ ނުދެވި ތިބި އެތައް ބަޔަކު އެބަތިބި،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި 18 ތަނެއް ބަންދުކުރީ ހިންގޭނެ އިތުރު ގޮތެއް ނެތިގެން ދާއިމަށް ކަމަށް އެނގިފައިވާ ކަމަށެވެ. މީގެ ތެރޭގައި މާލޭގެ މަޝްހޫރު އެތައް ކެފޭއެއް ހިމެނެ އެވެ.

"މިހާރު ވެސް ބައެއް ތަންތަން ބަންދުކުރުމުގެ މަގުމަތީގައި އެބައުޅޭ. މި ވިޔަފާރިއަށް މީގެ ކުރިން ދުވަހަކު ވެސް ކުރިމަތި ނުވާވަރުގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން މިޖެހުނީ،" އާމިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ކެއިންބުއިމުގެ ހިދުމަތްދޭ 1،478 އައުޓްލެޓުން ދުވާލަކު ތިން މިލިއަނެއްހާ ރުފިޔާގެ ވިޔަފާރި ބާޒާރުން ކުރަމުންދިޔަ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. ނަމަވެސް މިހާރު އެތަންތަނުގެ ވިޔަފާރިއަށް ކުރިމަތިވި ހީނަރުކަމާއެކު ބާޒާރުމަތީގެ ފިހާރަތަކަށް ވެސް އޭގެ އަސަރުކުރާނެ ކަމަށް އާމިރު ވިދާޅުވި އެވެ.

ކެފޭ އެއްގެ ބޭރުގައި މީހަކު ހަރަކާތްތެރިވަނީ. ކޮވިޑާއެކު ކެފޭ، ރެސްޓޯރަންޓްތަކަށް މިލިއަނުން ގެއްލުންވި -- ފޮޓޯ: އަހުމަދު އިޝާން | ހުރިހާ

މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުމުގެ ކުރިން ސަރުކާރުން ހަމަޖެއްސީ މިދިޔަ މާޗް މަހުގެ ކުރީކޮޅުން ފެށިގެން ހަމަޖެއްސީ ހަމައެކަނި ޓޭކްއަވޭ ސާވިސްދެވޭ ގޮތަށެވެ. އަދި އޭޕްރިލް 15 އިން ފެށިގެން ޖޫން 30 އާ ހަމަޔަށް އެތަންތަން މުޅިން ބަންދުކުރަން ޖެހުނެވެ.

މާލެ ސަރަހައްދުގައި ލޮކްޑައުންއަށްފަހު ދިން ލުއިތަކާއެކު ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތައް ރޭގަނޑު 10 ޖެހުމާ ހަމަޔަށް ހިދުމަތް ދޭން ހުއްދަ ދިނެވެ. ނަމަވެސް މާލެ ސަރަހައްދުގައި ކޮވިޑް ފެތުރޭ މިންވަރު ވަރަށް ބޮޑަށް އިތުރުވުމާއެކު މިދިޔަ އޮގަސްޓްމަހުގެ ކުރީކޮޅުން ފެށިގެން ވަނީ ރޭގަނޑު 8:00ން ފެށިގެން ވެހިކަލް ނުދުއްވޭ ގޮތަށް ހަމަޖައްސައިފަ އެވެ. އެއާއެކު ކެފޭ، ރެސްޓޯރަންޓްތަކުން ދެމުންދިޔަ ޑެލިވަރީގެ ހިދުމަތް ވެސް ހުއްޓުނެވެ.