އިންކަމް ސްޕޯޓް އެލަވަންސް މިހާތަނަށް 22,858 މީހަކަށް ދީފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި އިންކަމް ސްޕޯޓް އެލަވަންސުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިންކަމް ސަޕޯޓް ދިން މީހުންގެ އަދަދު އުޅެނީ 22,858 ގަ އެވެ. އެލަވަންސުގެ ގޮތުގައި މިހާތަނަށް 419.4 މިލިއަން ރުފިޔާ ދޫކޮށްފައިވެ އެވެ.

އިންކަމް ސަޕޯޓުގެ ގޮތުގައި ދޫކުރަނީ 5،000ރ. އެވެ. ކޮވިޑުގެ ސަބަބުން ވަޒީފާ ގެއްލި އަދި ވަޒީފާއަށް އަސަރު ކުރި މީހުންނަށް "ޖޮބް ސެންޓަރު" މެދުވެރިކޮށް ދެމުން ގެންދާ އިންކަމް ސްޕޯޓް އެލަވަންސަކީ ސަރުކާރުން މި ހާލަތަށް ހާއްސަކޮށް ތައާރަފުކުރި އިކޮނޮމިކް ރިލީފް ޕެކޭޖުގެ ބައެކެވެ.

އިންކަމް ސަޕޯޓް ދޫކުރަން ފެށުމާ ގުޅިގެން، ވޯލްޑް ބޭންކުން ވެސް ވަނީ 12.8 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 197 މިލިއަން ރުފިޔާ) ދޫކުރަން ނިންމާފަ އެވެ. ވޯލްޑް ބޭންކުގެ މި އެހީ ލިބުމާއެކު ވަޒީފާ ގެއްލި ނުވަތަ އަސަރު ކޮށްފައިވާ ގާތްގަނޑަކަށް 13،000 މީހުނަށް އެލަވަންސް ދިނުމުގެ ގާބިލުކަން ސަރުކާރަށް ވަނީ ލިބިފަ އެވެ. ކޮވިޑް-19 އާ ގުޅިގެން ރާއްޖޭގެ ގިނަ އަދަދެއްގެ ބައެއްގެ ވަޒީފާއަށް ވަނީ އަސަރު ކޮށްފަ އެވެ. ޔޫއެންޑީޕީ އާއި އިކޮނޮމިކް މިނިސްޓްރީން ގުޅިގެން ހަދާފައިވާ ދިރާސާއެއްގައިވާ ގޮތުން ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 45،000 ވަޒީފާ އަކަށް އަސަރު ކޮށްފައިވެ އެވެ.

ޓޫރިޒަމް އެމްޕްލޯއީމަންޓް އެސޯސިއޭޝަން (ޓީމް) އިން ބުނެފައިވާ ގޮތުގައި، ޓޫރިޒަމް ސިނާއަތުގައި މަސައްކަތް ކުރާ 11،000 އަށްވުރެ ގިނަ މުވައްޒަފުން ވަނީ "ނޯޕޭ ލީވް" ދީ ގެއަށް ވަނީ ފޮނުވާލައިފަ އެވެ. އަދި ގައުމީ ޔުނިވާސިޓީ އިން ކުރި ދިރާސާ އަކުން ދެއްކި ގޮތުގައި ސާވޭގައި ބައިވެރިވި ވަޒީފާތަކުގައި މަސައްކަތް ކުރާ މިހުންގެ ތެރެއިން ކޮންމެ 10 މީހަކުން ފަސް މީހެއްގެ ވަޒީފާ އަށް ވަނީ އަސަރު ކޮށްފަ އެވެ.