މާލޭ ލޯކަލް މާރުކޭޓުގެ ގޮޅިތަކުގެ ކުލި ކުޑަކުރަން މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ.

އެ ގޮޅިތަކަކީ ސިޓީ ކައުންސިލުން ކުއްޔަށް ދޫކޮށްފައިވާ ގޮޅިތަކެވެ.

ސިޓީ ކައުންސިލުން ރޭ ބޭއްވިި ނޫސްވެރިންގެ ބައްދަލުވުމުގައި މާލޭ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ މާލޭގެ ދެ މާރުކޭޓް ގޮޅިތަކަކީ ވެސް މާލެ ސިޓީ ކައުންސިލުން ކުއްޔަށް ދީފައިވާ ގޮޅިތަކެއް ކަމަށާއި މާރުކޭޓުތަކުގެ ކުލީގައި ވަރަށް ބޮޑު ފުށުއެރުމެއް އުޅޭކަން ފާހަގަ ވެފައިވާ ކަމަށެވެ.

ކޮވިޑްގެ ހާލަތުގައި ރައްޔިތުންނަށް ލިބެމުންދާ ގެއްލުންތައް ކުޑަކޮށްދިނުމުގެ ގޮތުން އެ ހުރިހާ ތަނަކުން ކުއްޔަށް މިހާރު ނަގަމުންދާ އަދަދުން 30 ޕަސެންޓް ކުޑަ ކުރަން ސިޓީ ކައުންސިލުން ނިންމާފައިވާ ކަމަށް މޭޔަރު ވަނީ ވިދާޅުވެފަ އެވެ.

"ކޮވިޑްގެ ކަންކަން ހަމައަކަށް އެޅެންދެން ކުއްޔަށް މިގެނައި ބަދަލުގައި ދެން ކުރިއަށްދާނީ. އާންމު ހާލަތަކަށް ދިޔައީމާ އަލުން އެ ކުލިތައް ރިވައިސް ކުރާނަން،" މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މޭޔަރު ވިދާޅުވީ، ދަތުރުވެރިންގެ މާރުކޭޓުގައި ނަގަނީ ލޯކަލް މާރުކޭޓުގެ އަކަފޫޓަކަށް ނަގާވަރެއް ނޫން ކަމަށާއި އެހެންކަމުން ލޯކަލް މާރުކޭޓުގެ އަކަފޫޓަކަށް ޖެހޭ ވަރަށް ދަތުރުވެރިންގެ މާރުކޭޓުގައި އެއްގޮތް ކުރަން ކައުންސިލުން ނިންމާފައިވާ ކަމަށެވެ. މިރޭ މި ނިންމި ކަންތައްތައް ތަންފީޒު ކުރަން ފަށާނީ މާދަމާއިންނެވެ.

ކުލި ކުޑަކުރުމުގެ އިތުރުން މޭޔަރު ވަނީ މާލޭގެ ތިން މާރުކޭޓުގެ ވެސް ސާފުތާހިރުކަން ހިފެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްތައް ފަށައި، މަސް މާރުކޭޓުގެ ބައެއް އިިންތިޒާމުތައް އިތުރަށް ހަރުދަނާ ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށް ވިދާޅުވި އެވެ.

މާލޭގެ ތިން މާރުކޭޓުކަމަށްވާ ދަތުރުވެރިންގެ މާރުކޭޓާއި، ލޯކަލް މާރުކޭޓު އަދި މަސް މާރުކޭޓުގެ ހާލަތު ދަށް ވާހަކަ އަބަދުވެސް ދެކެވެ އެވެ. އަދި ތަނުގެ ސާފުތާހިރުކަން ދަށްވެ، ގިނަ ޝަކުވާތަކެއް ވަނީ ފެންމަތިވެފަ އެވެ. ސިޓީ ކައުންސިލްގެ ބައްދަލުވުމުގައި ނިންމި ކަންތަކުގެ ތެރޭގައި، މި މާރުކޭޓުތައް ރަނގަޅު ފެންވަރަކަށް ގެނައުމަށްޓަކާ މަސައްކަތް ކުރުމަށް ނިންމާފައިވާއި ވެ އެވެ.

މޭޔަރު މުއިއްޒު އާއި މާލެ ސިޓީގެ ކައުންސިލަރުން ލޯކަލް މާރުކޭޓަށް ދާދިފަހުން ކުރި ޒިޔާރަތުގެ ތެރެއިން. ފޮޓޯ: ނަރީޝް

އެގޮތުން މިދިޔަ ދުވަސްތަކުގެ ތެރޭގައި، ތިން މާރުކޭޓަށް މޭޔަރު ޑރ. މުއިއްޒު ގޮސް ވަނީ ވިޔަފާރިވެރިންނާ ބައްދަލު ކުރައި އާއްމުންގެ ވެސް ހިޔާލު ހޯދާފައި އެވެ. ވިޔަފާރިވެރިން ވެސް އަދި އާއްމުންގެ އެންމެ ބޮޑު އެދުމަކީ އެތަނުގެ ސާފުތަހީރުކަމުގެ މައްސަލައަށް ހައްލެ ހޯދައި ދިނުން ކަމަށް މޭޔަރު ޑރ. މުއިއްޒު ވިދާޅުވި އެވެ.

އެތަންތަނުގެ ސާފުތާހިރުކަން ހިފެހެއްޓުމަށްޓަކައި ކޮންމެ ދުވަހަކު މާރުކޭޓުތަށް ސާފުކުރާގޮތަށް މިހާރު ވަނީ ހަމަޖައްސައިފަ އެވެ. މީގެ އިތުރުން މަސް މާރުކޭޓުގެ ސަރަހައްދު އެކީ ސާފު ކުރުމާއި އެކު، ތަނުގެ ވަށައިގެންވާ ކާނުތައް އެކީ ސާފު ކުރުމަށް ނިންމާފައިވާއިރު އެ ތަނުގައި ބޭނުން ކުރާ ފެނުގެ ކޮލިޓި ބެލުމަށް މަސައްކަތް ސިޓީ ކައުންސިލުން ކުރާނެ އެވެ.