ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާފައިވާ އިތުރު ފިޔަވަޅުތައް މާދަމާ ތަންފީޒު ކުރަން ފަށާއިރު މާދަމާއިން ފެށިގެން ޓޭކްއަވޭ އާއި ޑެލިވަރީ ހިދުމަތް ދެވޭނެ ގަޑިތައް ކަނޑައަޅައިފި އެވެ.

އިކޮނޮމިކް މިނިސްޓްރީން މިއަދު ބުނީ، ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުން ޑެލިވަރީ ހިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 6.00 އިން މެންދަމު 12.00 އަށް ކަމަށެވެ. އަދި ޓޭކްއަވޭގެ ހިދުމަތް ދެވޭނީ އެ ތަނެއްގައި މަސައްކަތްކުރާ މުވައްޒަފުންނަށް ހުއްދަ ހޯދުމަށްފަހު ހެނދުނު 8.00 އިން ހަވީރު 4.00 އަށް ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މޯލްޑިވްސް ޕޮލިސް ސާވިސްގެ ޕޯޓަލްގެ މެދުވެރިކޮށް ކެއިން ބުއިމުގެ ހިދުމަތް ދޭ ތަންތަނުގައި މަސައްކަތްކުރާ މުވައްޒަފުންނާއި ޑެލިވަރީ މުވައްޒަފުންނަށް ހުއްދަ ހޯދެން ހުންނާނެ އެވެ. ކޮންމެ ތަނަކަށް ވެސް ސަޕޯޓް ސްޓާފްނަށް ހަތަރު ފާސް އަދި ޑެލިވަރީ ސްޓާފުންނަށް ދެ ފާސް ދޫކުރާނެ އެވެ. އިތުރު މުވައްޒަފުންނަށް ހުއްދަ ބޭނުންވާނަމަ އިކޮނޮމިކް މިނިސްޓްރީއަށް ހުށައެޅުން އިތުރަށް ދިރާސާކުރުމަށްފަހު ހުއްދަ ދޫކުރާނެ އެވެ.

އެގޮތުން އިތުރު ހުއްދައަށް އެދޭ ކޮންމެ ފަރާތަކުންވެސް ޖުމްލަ މުވައްޒަފުންގެ އަދަދު 10 އަށްވުރެ އިތުރުވާނަމަ ދެ ދަންފަޅިއަކަށް ބަހާލައިގެން ޑިއުޓީ ގަޑި ކަނޑައަޅައި އެކްސެލް ޝީޓުގައި ބަޔާން ކުރަންވާނެ އެވެ. މުދާ ވިއްކާ ތަންތަނުން ޑެލިވަރީ ހިދުމަތް ދެވޭނީވެސް އެގަޑިތަކުގަ އެވެ. އަދި ހުއްދަ ހޯދުމުގަައި އަމަލު ކުރަން ޖެހޭނީވެސް ކުރީން ބުނެފައިވާ ގޮތަށެވެ.