ރާއްޖޭގެ ދަރަނި މަތިވަމުންދާތީ ތަރައްގީގެ މަޝްރޫއުތަކަށް ބޭނުންވާ ލޯނުތަށް ހޯދަން އުދަގޫވާނެ ކަމަށް ކްރެޑިޓް ރޭޓިން އޭޖެންސީ، މޫޑީސް އިން ބުނެފި އެވެ.

މޫޑީސްއިން އަބަދުވެސް ގެންދަނީ ރާއްޖޭގެ ދަރަނީގެ މައްސަލަ ފާހަގަ ކުރަމުންނެވެ. ނަމަވެސް މި ފަހަރު މޫޑީސް އިން ދަރަނީގެ މައްސަލަ އިތުރަށް ފާހަގަ ކޮށްފައި ވަނީ ކޮވިޑް-19 އާ ގުޅިގެން އާމްދަނީ ދަށްވެފައި ވަނިކޮށް ހަރަދުތައް ފޫބައްދަން ދަރަނި ނަގަން ޖެހިފައި ވަނިކޮށެވެ.

މިދިޔަ އަހަރު މޫޑީސްއިން ރާއްޖެއަށް ދީފައިި ވަނީ "ބީ ނެގެޓިވް" އެވެ. ނަމަވެސް މި ރޭޓިން ވަނީ "ބީ3" އަށް ބަދަލު ކޮށްފަ އެވެ. މީގެން ދައްކުވައި ދޭނީ ދަރަނި ދެއްކުމުގައި ރިސްކު ބޮޑު ކަމެވެ. ފިނޭންސް މިނިސްޓްރީންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުގައި މިދިޔަ އަހަރު ނިމުނުއިރު ރާއްޖޭގެ ދަރަނި ޖީޑީޕީގެ ނިސްބަތުން 150 ޕަސެންޓަށް އުފުލި، ވަނީ 86 ބިލިއަން ރުފިޔާ އަށް އަރާފަ އެވެ.

މިފަހަކަށް އައިސް ދަރަނީގެ މައްސަލަ ބޮޑު ވެފައިވާ އިރު، ސަރުކާރުން ދާދި ފަހުން ވަނީ ބޭރުގައި ސްކޫކެއް ވިއްކައިގެން ރާއްޖޭން ދައްކަން ޖެހޭ ދަރަނީގެ ބޮޑު ބައެއް ވެސް ދައްކާފަ އެވެ. މީގެ ސަބަބުން ރާއްޖޭގެ ދަރަނީގެ ހާލަތު ރަނގަޅުވާނެ ކަމަށް ފިނޭންސުން ވަނީ ބުނެފަ އެވެ.

ކްރެޑިޓް ރޭޓިން ދޭ ފިޗުން ވެސް ވަނީ މިދޔަ އަހަރުގެ ނޮވެމްބަރު މަހު ރާއްޖޭގެ ރޭޓިން ބަދަލުކޮށްފަ އެވެ. ފިޗުން ރާއްޖެއަށް ދިނީ "ސީސީސީ" އެވެ އެ ރޭޓިން ދިނީ ކޮވިޑުގެ ސަބަބުން ބޭރު ފައިސާ ލިބުމުގެ ތާށިކަމާއި މަތިވަމުން ދާ ދަރަންޏަށް ބަލައިފަ އެވެ.