ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތަކެއް ބަންދުކޮށްފި އެވެ.

ބީއެމްއެލްއިން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިންކޮށްފައިވާ އިއުލާނާ އެއްގޮތްވާ ގޮތުގެމަތިން ހިދުމަތް ދިނުމަށް މިމަހުގެ 27 އިން 10 ޖޫންގެ ނިޔަލަށް ބޭންކުގެ ހުރިހާ ބްރާންޗްތަކާއި ސާވިސް ސެންޓަރުތައް (ކަސްޓަމާ ސާވިސް ސެންޓަރު ހިމެނޭހެން) މި މުއްދަތުގައި ބަންދުވާނެ ކަމަށެވެ. އެ ދުވަސްތަކުގައި ކަސްޓަމަރުން ބޭންކިން ހިދުމަތް އޮންލައިންކޮށް ހޯދުމަށް ބީއެމްއެލްއިން އެދިފައިވެ އެވެ.

ބީއެމްއެލްއިން ބުނީ މިމުއްދަތުގައި ބީއެމްއެލްގެ އޭޓީއެމް މެދުވެރިކޮށް ފައިސާ ނެގުމާއި ޖަމާކުރުމުގެ ހިދުމަތް ލިބޭނެ ކަމަށެވެ.

ކަސްޓަމަރުންނަށް ހިދުމަތް މެދުނުކެނޑި ހިދުމަތް ދިނުމުގެ ގޮތުން ހަފްތާ ދުވަސްތަކުގައި (ހުކުރު، ހޮނިހިރު ނުހިމަނައި) އަސާސީ ބޭންކިން ޚިދުމަތްތައް ދިނުމަށްވަނީ ހަމަޖެހިފައިވާ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އޭގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުން، އީމެއިލް މެދުވެރިކޮށް ޕޭރޯލް ހިދުމަތްދިނުމުގެ އިތުރުން އޭޓީއެމްއަށް ޖަމާކުރާ ބީއެމްއެލް ޗެކް ޕްރޮސެސްކުރުން ވެސް ހިމެނެ އެވެ.

އެމްއެމްއޭ ހުޅުވާފައި ހުންނަ ދުވަސްތައްކަމަށްވާ ހޯމަ، އަންގާރަ އަދި ބުރާސްފަތި ދުވަހު ލޯކަލް ބޭންކް ޓްރާންސްފާގެ ހިދުމަތާއި (އޭސީއެޗް) އަދި (އާރްޓީޖީއެސް) އެހެން ބޭންކުތަކުގެ ޗެކް ޕޮރެސެސްކުރުމުގެ ހިދުމަތް ލިބޭނެކަމަށް ވެސް ބީއެމްއެލްއިން ބުންޏެވެ.

މިދުވަސްތަކުގައި އޮންލައިންކޮށް ބޭންކްގެ ހިދުމަތްތަކަށް އެދެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. އެ އެގޮތުން މި ދުވަސްތަކުގައި ބޭންކު ހުޅުވަން ހަމަޖެހިފައިވަނީ ހޯމަ، އަންގާރަ އަދި ބުރާސްފަތި، މި ތިން ދުވަހު އެކަނި ކަމަށާ، ހުޅުވާފައި ހުންނާނީ ހެނދުނު 08:30 އިން މެންދުރު 12:30 އަށް ކަމަށް ބީއެމްއެލް އިން ބުނެ އެވެ.

ހަފްތާގެ ތެރޭގައި ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމާ، ބީއެމްއެލް ޗެކް ޕްރޮސެސް ކުރުން އަދި ޕޭރޯލްގެ ހިދުމަތް ދެވޭނެ ކަމަށް ވެސް ބީއެމްއެލް އިން ބުނެ އެވެ. މިގޮތުން ރާއްޖޭން ބޭރަށް ފައިސާ ފޮނުވުމަށް ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުން އެ ދުވަހު ޕްރޮސެސް ކުރުމަށްވަނީ ހަމަޖެހިވާ ކަމަށް ބޭންކުން ބުންޏެވެ.

ޕޭ ރޯލްގެ ހިދުމަތް: ބީއެމްއެލްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ މެންދުރު 12:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް އެދުވަހު ޕްރޮސެސް ވާނެ ކަމަށާއި އެހެން ބޭންކެއްގެ އެކައުންޓަކަށް މުސާރަ ޖަމާކުރާނަމަ އެދުވަހު ޕްރޮސެސްކުރެވޭނީ ހެނދުނު 11:00 ގެ ކުރިން ލިބޭ ހުށަހެޅުންތައް ކަމަށް ވެސް ބީއެމްއެލް އިން ބުންޏެވެ.

އޭޓީއެމް މެދުވެރިކޮށް ޖަމާކުރާ ޗެކް ޕްރޮސެސް ކުރާނަމަ ހެނދުނު 9:30 ގެ ކުރިން އޭޓީއެމް މެދުވެރިކޮށް ޖަމާ ކުރާ ކްލިއަރިން ޗެކެއް ނަމަ އެ ދުވަހު ޕްރޮސެސްވާނެ ކަމަށާއި މެންދުރު 12:00ގެ ކުރިން ޖަމާ ކުރާ ބީއެމްއެލް ޗެކެއް ނަމަ އެ ދުވަހު ޕްރޮސެސްވާނެ ކަމަށް ވެސް ބޭންކުން ބުންޏެވެ..

ލޯކަލް ބޭންކް ޓްރާންސްފާއެއް ނަމަ ހެނދުނު 11:00ގެ ކުރިން ލިބޭ އޭސީއެޗް / އެމްއާރުޓީޖީއެސް) ޓްރާންސްފާތައް އެ ދުވަހު ޕްރޮސެސް ވާނެކަމަށް ބޭންކުން ވަނީ ބުނެފަ އެވެ.

ބީއެމްއެލުން އިތުރަށް ބުނީ މިވަގުތުތަކުގެ ފަހުން ލިބޭ ރިކުއެސްޓް ޕްރޮސެސް ވާނީ ދެން ބޭންކް ހުޅުވޭ ދުވަހު ކަމަށެވެ. އަދި ރާއްޖޭގައި ކޮވިޑްގެ ހާލަތު ގޯސްވެފައިވާއިރު ބޭންކިންގެ ހިދުމަތް ހޯއްދެވުމަށް ކިޔުބީން ނަންބަރު ނެގުމަށާ ބޭންކަށް އައުމުގެ ކުރިން ކިޔުގައި މީހުން ތިބި އަދަދު ބެލުމަށްވެސް ބޭންކުން ވަނީ އެދިފަ އެވެ.