ކޮވިޑް-19 ހާލަތާ ގުޅިގެން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފާތަކެއް ދިނުމަށް ނިންމައިފި އެވެ.

ދިރާގުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކޮވިޑް-19ގެ ބަލިމަޑުކަމުން ރައްކާތެރިވުމަށް ސަރުކާރާއި ކަމާބެހޭ އިދާރާތަކުން ރައްޔިތުން ގޭގައި ތިބުމަށް އަންގަވާފައިވާ މި ދަނޑިވަޅުގައި ދިރާގުން ހިލޭ އިތުރު ޑޭޓާ އަދި ޑޭޓާގެ ޚާއްސަ އޮފާތަކެއް ފިކްސްޑް ބްރޯޑްބޭންޑް އަދި މޮބައިލް ކަސްޓަމަރުންނަށް ދޭން ހަމަޖައްސައިފައިވާ ކަމަށެވެ.

ކޮވިޑް 19-ގެ މި ހާލަތުގައި ދިރިއުޅުމަށް ގެންނަން ޖެހިފައިވާ ބަދަލުތަކުގެ ސަބަބުން ޑިޖިޓަލް ޚިދުމަތްތަކަށް އިތުރަށް ބަރޯސާވާން ޖެހިފައިވާކަން ފާހަގަ ކުރައްވަމުން ދިރާގުން ބުނީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު އިންޓަނެޓް ބޭނުންކުރުމުގެ މަގުފަހިކުރުމުގެ ގޮތުން އަންނަ މަހުގެ ފުރަތަމަ ހަފްތާގެ ތެރޭގައި ހިލޭ ޑޭޓާ ލިބިގެންދާނެ ކަމަށެވެ.

"މި ދަނޑިވަޅުގައި އިންޓަނެޓް ބޭނުންކުރުމަށް ކަސްޓަމަރުންނަށް އިތުރު ލުއިފަސޭހައެއް ދިނުމުގެ ގޮތުން ދިރާގުން ވަނީ ހާއްސަ އޮފާތައް ތައާރަފުކޮށްފައި،" ދިރާގުން ބުންޏެވެ.

އެގޮތުން ދިރާގުން ވަނީ ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ޖޫން މަހަށް 30 ޕަސެންޓް އިތުރު ޑޭޓާ މުޅިން ހިލޭ ފޯރުކޮށްދިނުމަށާއި ޕޯސްޓްޕެއިޑް އަދި ދިރާގު އަމިއްލަ ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް 25 ޕަސެންޓް އާއި 200 ޕަސެންޓާ ދެމެދުގެ ހިލޭ ޑޭޓާ ޖޫން މަހުގައި ލިބިގެންދާނެ ގޮތަށް ހަމަޖައްސާފަ އެވެ.

ދިރާގު ޕޯސްޓްޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ޖޫން މަހުގައި ލިބިގެންދާ ގޮތަށް ހަމަޖައްސާފައިވާއިރު، ދިރާގު ޕޯސްޓްޕެއިޑް ޑޭޓާ ސިމް ގެންގުޅުއްވާ ކަސްޓަމަރުންނަށް 30 ޕަސެންޓް ހިލޭ އިތުރު އެލަވަންސް ޖޫން މަހުގައި ލިބިގެންދާ ގޮތަށް ވަނީ ހަމަޖައްސާފަ އެވެ.

މީގެ އިތުރުން ދިރާގު ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓާއަކުން ދެ ގުނަ އިތުރު ޑޭޓާ އެލަވަންސް ލިބިގެންދާނެ ކަމަށާއި މޮބައިލް ޕޯސްޓްޕެއިޑް ކަސްޓަމަރުން އެކްޓިވޭޓް ކުރަށްވާ ކޮންމެ ބޫސްޓާއަކުން ވެސް ދެ ގުނަ އިތުރު ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ. އަދި ދިރާގު ޕްރީޕެއިޑް ކަސްޓަމަރުންނަށް 50 ޕަސެންޓް އިތުރު އެލަވަންސް ކޮމްބޯ ޕްލޭންތަކުން ލިބޭއިރު، 200 ޕަސެންޓް އިތުރު ޑޭޓާ އެލަވަންސް މިނީ ޑޭޓާ އެޑްއޮންތަކުން އެކްޓިވޭޓްކުރާ ދުވަހުން ފެށިގެން 30 ދުވަހުގެ މުއްދަތަށް ލިބޭނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ދިރާގުން ބުނީ، ދިރާގު ޕްރީޕެއިޑް "ވަގުތުން ގެއަށް އިންޓަނެޓް" ކަސްޓަމަރުންނަށް އެކްޓިވޭޓްކުރާ ޕެކޭޖްތަކުން 30 ޕަސެންޓް އިތުރު ހިލޭ ޑޭޓާ އަލަވަންސް، ދިރާގު "ވަގުތުން ގެއަށް އިންޓަނެޓް" ބޫސްޓާ އެކްޓިވޭޓްކޮށްގެން 100 ޕަސެންޓް އިތުރު އެލަވަންސް، ދިރާގު ޕްރީޕެއިޑް ޑޭޓާ ސިމް އިން އެކްޓިވޭޓްކުރާ ޑޭޓާ އެޑް-އޮންތަކުން 30 ޕަސެންޓް ހިލޭ އުތުރު ޑޭޓާ އެލަވަންސް އާއި ދިރާގު ޑޭޓާ ސިމްއިން އެކްޓިވޭޓްކުރާ ބޫސްޓާތަކުން 100 ޕަސެންޓް އިތުރު އެލަވަންސް ލިބޭނެ ކަމަށެވެ.

ދިރާގުން ބުނީ، ކަސްޓަމަރުން އެކްޓިވޭޓްކުރާ ޑޭޓާ އެޑް-އޮން އަދި ބޫސްޓާތަކަށް ހިލޭ އިތުރު ޑޭޓާ ލިބޭނީ މާދަމާ ރޭ ގެ 12:00 އިން 30 ޖޫން 30ގެ ނިޔަލަށް ކަމަށެވެ. އަދި ދިރާގު މަމެން ކަސްޓަމަރުންނަށް މިހާރު ހިނގަމުންދާ ޕްރޮމޯޝަނުގެ ދަށުން މިމަހުގެ 30 ގެ ކުރިން އެކްޓިވޭޓްކުރާ ޑޭޓާ އެޑް-އޮންތަކަށް 50 ޕަސެންޓް ޑިސްކައުންޓް ލިބޭނެ ކަމަށް ވެސް ދިރާގުން ބުންޏެވެ.

ހިލޭ އިތުރު ޑޭޓާގެ ސަބަބުން ކަސްޓަމަރުންނަށް ލުއިފަސޭހަތަކެއް ލިބި، ގޭގައި ރައްކާތެރިކަމާއެކު ތިބުމަށް އިތުރު ހިތްވަރަކަށް ވެގެންދާނެ ކަމަށް ދިރާގުން ބުންޏެވެ. އަދި އިންޓަނެޓްގެ ޚިދުމަތް މިދުވަސްވަރު ޒިންމާދާރު ގޮތުގައި ހުރިހާ ކަސްޓަމަރުން ވެސް ބޭނުން ކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފަ އެވެ.