ސަރުކާރުގެ ވިޔަފާރި ކުންފުނިން އެސްޓީއޯގެ އޮންލައިން ޕްލެޓްފޯމް މެދުވެރިކޮށް ކޮންމެ ވަގުތެއްގައި ވެސް ވިޔަފާރި ކުރެވޭނެ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

އެސްޓީއޯއިން ބުނީ މާލެ ސަރަހައްދުގައި ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވެފައިވާތީ ރައްޔިތުން ބޭރުގައި އުޅޭ ވަގުތުތައް މަދުކުރުމުގެ ގޮތުން އެކުންފުނީގެ އީސްޓޯރު ވިޔަފާރިކުރުމަށް އެދޭ ކަމަށެވެ.

އެސްޓީއޯއިން ވަނީ ބޭރަށް ދިއުން މަދުކޮށް ގޭގަ ތިބެގެން ވިޔަފާރި ކުރުމަށް އީސްޓޯރު ހިޔާރުކުރަން އެދިފަ އެވެ. އަދި އީސްޓޯރު މެދުވެރިކޮށް ކޮންމެ ގަޑިއަކު ވެސް ވިޔަފާރި ކުރެވޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ. އަދި މާލެއާ، ހުޅުމާލެ އަދި ބޯޓަށް ޑެލިވަރީގެ ހިދުމަތް ވެސް ލިބޭނެ ކަމަށް އެސްޓީއޯއިން ބުނެ އެވެ.

އެސްޓީއޯއިން މިދިޔަ އަހަރު ވެސް އޮންލައިކޮށް އީސްޓޯރް މެދުވެރިކޮށް ވިޔަފާރި ކުރެވޭނެ ގޮތް ހެދި އެވެ. އެފަހަރު ބާރުބޮޑުވެގެން ޑެލިވަރީގެ ހިދުމަތް ދިނުމަށް ފުލުހުންނާއި ސިފައިން ނެރެން ޖެހުނެވެ.

އޮންލައިންކޮށް ވިޔަފާރި ކުރުމަށް އެސްޓީއޯއިން ފުރުސަތު ހުޅުވާލާފައި ވާއިރު އޮންލައިންކޮށް އެސްޓީއޯގެ ބޭސްފިހާރަތަކުން ބޭސް ނެގޭނެ އިންތިޒާމް ވެސް ވަނީ ހަމަޖައްސައިފަ އެވެ.