Advertisement

މަންތާ އެއާގެ ބޯޓެއް އުދުހެނީ. އެ އެއާލައިންގެ ދަތުރުތައް ރަސްމީކޮށް ފެށީ މިއަދު. ފޮޓޯ: މަންތާ އެއާ

ހާއްސަ ޕްރޮމޯޝަނަކާއެކު މަންތާ އެއާގެ ދަތުރުތައް ފަށައިފި

FacebookTwitterWhatsAppTelegramViber

ކުރިން ބުކްކުރާ މީހުން އަގުހެޔޮކޮށް ޓިކެޓް ލިބޭ ހާއްސަ ޕްރޮމޯޝަނަކާއެކު، ރާއްޖޭގެ އާ ޑޮމެސްޓިކް އެއާލައިން "މަންތާ އެއާ" ގެ ދަތުރުތައް މިއަދު ފަށައިފި އެވެ.

"މަންތާ އެއާ" ގެ ދަތުރުތައް ފެށުމުގެ ހުއްދަ މޯލްޑިވްސް ސިވިލް އޭވިއޭޝަން އޮތޯރިޓީން މިދިޔަ ބުރާސްފަތި ދުވަހު ދިނުމާއެކު އެ ކުންފުނިން ވަނީ ދ. ކުޑަހުވަދުއަށް ޗާޓަރު ދަތުރުތަކެއް ހަމަ އެ ދުވަހު ފަށައިފަ އެވެ. އަދި މިއަދުން ފެށިގެން ޝެޑިއުލް ދަތުރުތައް ވެސް ފަށައިފަ އެވެ. އެގޮތުން އެ ރަށަށް ދުވާލަކު ހަތަރު ދަތުރުކުރާނެ ކަމަށް ވެސް މަންތާއިން ބުންޏެވެ.

މި އެއާލައިނުން ބޭނުން ކުރަނީ ATR-72-600 މަރުކާގެ 64 ގޮނޑީގެ ޖާގައިގެ ދެ މަތިންދާބޯޓެވެ.

މަންތާ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައި ވަނީ އެ އެއާލައިނުން މަސައްކަތްކުރަނީ ފަސިންޖަރުންނަށް ވީހާ ވެސް ލުއި ފަސޭހަކޮށް ރައްކާތެރިކަމާއެކު ދަތުރުކުރެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ކަމަށެވެ. އަދި ދަތުރުކުރާ މީހުންނަށް ޖާގަ ތަނަވަސްވާނެ ގޮތަށް ބޯޓުގެ އެތެރޭގެ އިންތިޒާމް ވެސް ހަމަޖައްސާފައިވާނެ ކަމަށް އެ އެއާލައިނުން ބުންޏެވެ.

މަންތާއިން ބުނީ ދަތުރުވެރިންނަށް ފަސޭހައަކަށް ތަފާތު އެކި ކެޓަގަރީގެ އަގުތަކެއް ހަމަޖައްސާފައިވާނެ ކަމަށެވެ. އެ އަގުތައް ތަފާތު ވާނީ ބުކިން ހަދާ ދުވަހުން ކަމަށެވެ. އެގޮތުން އަގުހެޔޮކޮށް ދަތުރުކުރަން ބޭނުންވާ މީހުންނަށް ސުޕަ ސޭވާ އަދި ސޭވާ ފެއާތަކެއް ހުންނާނެ ކަމަށް ވެސް އެ އެއާލައިނުން ބުންޏެވެ.

އެ އެއާލައިނުން ވަނީ ކުރިން ބުކް މީހުންނަށް އަގުހެޔޮކޮށް ޓިކެޓް ވިއްކުމަށް އަންނަ މެއި 31ގެ ނިޔަލަށް ހާއްސަ ޕްރޮމޯޝަނެއް ވެސް ފަށައިފަ އެވެ. އަދި މަންތާ އިން ދަތުރުކުރަން ބޭނުންވާ މީހުންނަށް ޕީއެސްއޭ މެދުވެރިކޮށް އަދި އެއާލައިންގެ ވެބްސައިޓް މަންތާއެއާ ޑޮޓްއެމްވީ އިން ވެސް ޓިކެޓް ގަނެވޭނެ އެވެ.

މަންތާ އެއާގައި ބޭނުންކުރާ ދެ ކްލާހުގެ ތެރެއިން ކުޑަހުވަދުއަށް ކުރާ ދަތުރުތަކުގައި ނޯމަލް (ކޮމްފޯޓް) ކްލާހުގެ އެއްކޮޅު ޓިކެޓެއްގެ އަގު ބޮޑު މީހަކަށް އުޅެނީ 749ރ. އަށެވެ. އަދި ކުޑަ ކުއްޖަކަށް ނަމަ 499ރ. އެވެ.

މަންތާ އެއާގެ ސީއީއޯ މުހައްމަދު ޚަލީލް ވިދާޅުވީ އެތައް މަހެއްގެ ދިގު އިންތިޒާރަކަށް ފަހު މިއަދު އެ އެއާލައިންގެ ރަސްމީ ދަތުރުތައް ފެށުމުން ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިވަޑައިގެންނެވި ކަމަށެވެ. އަދި ކުޑަހުވަދުއަށް ދަތުރުތައް ފެށުމަކީ ވެސް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހަލީލް ވިދާޅުވީ އެ އެއާލައިންގެ ހިދުމަތް ދުވަހެއް ދުވަހަކަށް ފުޅާކުރާނެ ކަމަށެވެ. އެގޮތުން އިތުރު ބޯޓުތައް ގެނައުމާއި އިތުރު މަންޒިލްތަކަށް ވެސް ދަތުރުތައް ފަށާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މަންތާ އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރަތަމަ އުދުހުންތައް ފެށީ ދ. ކުޑަހުވަދު އަށެވެ. އަދި ކުރިޔަށް އޮތް ތަނުގައި ބ. ދަރަވަންދޫ އަދި ތ. ތިމަރަފުށީ އެއާޕޯޓަށް ވެސް ދަތުރުތައް ކުރާނެ ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ އެއާލައިނުން ފަސިންޖަރުންނަށް ދެ ކްލާހެއްގެ ޚިދުމަތް ދެ އެވެ. އެގޮތުން، އެ ޚިދުމަތަށް ނަން ދީފައި ވަނީ "ސެފަޔާ" ކްލާސް އާއި "ކޮމްފޯޓް" ކްލާހުގެ ނަމުންނެވެ. އެގޮތުން ކޮމްފޯޓު ކްލާހުގައި 48 ގޮނޑި އަދި ސެފަޔާ (ބިޒްނަސް) ކްލާހުގައި 16 ގޮނޑި ހުރެ އެވެ.

މަންތާ އެއާގެ އިތުރުން ރާއްޖޭގައި ރަޖިސްޓަރީކޮށްގެން ޚިދުމަތްދޭ އެއާލައިންތަކަކީ ގައުމީ އެއާލައިން، މޯލްޑިވިއަން އާއި ވިލާ އެއާގެ ފްލައިމީ އަދި ޓްރާންސް މޯލްޑިވިއަން އެއާވޭޒް އެވެ.

މަންތާ އެއާ 2016 ވަނަ އަހަރު އުފެދުނީ ޔުނިވާސަލް އެންޓަޕްރައިސަސްގެ ޗެއާމަން މުހައްމަދު އުމަރުމަނިކުގެ ދަރިކަލުން އުމަރު މުހައްމަދު މަނިކު އާއި ރާއްޖޭގެ ކުންފުންޏެއް ކަމަށްވާ ޑީޕް ބްޕޫ ޕްރައިވެޓް ލިމިޓެޑާ ގުޅިގެންނެވެ.

ހިޔާލު

avatar
600

ލިޔުމާ ގުޅޭ

ފަހުގެ ލިޔުންތައް

scroll to top