ވެހިކަލް ޕާމިޓް ނުލާވެސް މުވައްޒަފުންނަށް ދޫކުރާ ފާސް ބޭނުންކޮށްގެން ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން މިރޭ ބުނެފި އެވެ.

ރޭ އެޗްއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު ޝަނާޒް މުހައްމަދު ވިދާޅުވީ، މިއަދުން ފެށިގެން އެޅި ފިޔަވަޅުތަކާއެކު ވިޔަފާރިތަކަށް ހުއްދަ ދޭ އުސޫލުތަކަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އެގޮތުން، މިހާރު ވެހިކަލް ޕާމިޓް ވަކިން ހޯދަން ނުޖެހޭނެ ކަމަށެވެ.

"ކެއިން ބުއިމުގެ ވިޔަފާރިއެއް ކުރާ ނުވަތަ އެހެން ވިޔަފާރިއެއް ކުރާ ތަނެއްވިޔަސް ވެހިކަލަށް ވަކިން ހުއްދަ ނުހޯދައި މުވައްޒަފަށް ހުއްދަ ހޯދީމަ އެ އޮޕަރޭޓް ކުރާ ވެހިކަލަށް ވެސް ހުއްދަ ލިބުނީ،" ޝަނާޒް ވިދާޅުވި އެވެ.

ކުރިން އޮތްގޮތުން ނަމަ ޑެލިވަރީގެ ހިދުމަތް ދޭ ތަންތަނުން ޑެލިވަރީ ކުރުމަށް ބޭނުން ކުރާ އުޅަނދަށް ވަކިން ހުއްދަ ނަގަން ޖެހެ އެވެ. އެހެންކަމުން ބައެއް ކުދި ފިހާރަތަކުންނާއި ކެފޭތަކުން ވެހިކަލް ޕާމިޓް ނުނަގައި އޮތުމުން ޑެލިވަރީގެ ހިދުމަތް ދިނުމުގައި ދަތިތަކަށް ދިމާވި އެވެ.

ފުލުހުންނާއި އިކޮނޮމިކް މިނިސްޓްރީ ގުޅިގެންން ދަނީ ވިޔަފާރިތަކަށް ފާސް ދޫކުރަމުންނެވެ. އެގޮތުން، ވިޔަފާރިކުރާ ތަންތަނުގެ ތެރެއިން ފިހާރަތަކަށް ހަތަރު ފާސް އަދި ކެފޭ އާއި ރެސްޓޯރެންޓް ފަދަ ތަންތަނަށް ހަ ފާސް ފުލުހުންގެ ޕޯޓަލް މެދުވެރިކޮށް ދޫކުރާނެ އެވެ.

ވިޔަފާރިތަކުން އެތަންތަނުގެ މުވައްޒަފުންނަށް ބޭނުންވާ އިތުރު ފާސްތަކަށް އެދެން ޖެހޭނީ އިކޮނޮމިކް މިނިސްްޓްރީ އަށް އީމެއިލް ކޮށްގެންނެވެ. އެ މިނިސްޓްރީން ބުނިގޮތުގައި މިހާތަނަށް ހަހާހެއްހާ ރެކުއެސްޓް އެ މިނިސްޓްރީ އަށް ވަނީ ލިބިފަ އެވެ. މީގެ ތެރެއިން ގިނަ ފާސްތައް މާދަމާ ހެނދުނު ދޫކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް އެ މިނިސްޓްރީން ބުންޏެވެ.