ހުޅުމާލެ ފޭސް 1 ގައި މިކްސްޑް ޔޫސް ރެސިޑެންޝަލް ކޮމްޕްލެކްސްއެއް އިމާރާތްކޮށް ވިއްކުމަށް ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރުސީސީ) އާއި އެޗްޑީސީން ހަވާލުކޮށްފި އެވެ.

ވޭޗުއަލްކޮށް އިއްޔެ ބޭއްވި މި ސޮއިކުރުމުގެ ރަސްމިއްޔާތުގައި އާރުސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު އެވެ. އަދި މި އެއްބަސްވުމުގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގެ ޕްލޮޓް ނަމްބަރު S1/1 ހިންގަން ހަމަޖެހިފައިވާ މި ޕްރޮޖެކްޓަކީ ހުޅުމާލޭގައި އެކި ފަންތީގެ ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫއުތަކެއް ހިންގުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން، އާރްއެފްޕީއަށް ހުޅުވާލި ޕްރޮޖެކްޓެއް ކަމަށެވެ.

އެ ކުންފުނިން ބުނީ ޖުމްލަ 24،098.22 އަކަފޫޓޫ ހުންނަ މި ބިމުގައި ހަދާ ކޮމްޕްލެކްސްގައި 116 ޔުނިޓް ހުންނާނެ ކަމަށެވެ. މީގެ ތެރެއިން 78 ޔުނިޓަކީ އެއްބަސްވުމުގައިވާ ގޮތުން އަގު ކޮންޓްރޯލްކޮށް، އެންމެ ބޮޑު އަގެއްގެ ގޮތުގައި އަކަފޫޓަކަށް 1،800 ރުފިޔާގެ ރޭޓުން ވިއްކަން ކަނޑައަޅާފައިވާ ޔުނިޓްތަކެއް ކަމަށެވެ. އަދި ބާކީ 38 ޔުނިޓަކީ ބޭނުން އަގެއްގައި އިމާރާތް ހަދާ ފަރާތުން ވިއްކުމަށް ކަނޑައެޅިފައިވާ ޔުނިޓްތަކެއް ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

"މިގޮތަށް ކަނޑައެޅުމުގެ އެއްމެ ބޮޑު އެއް ބޭނުމަކީ ހުޅުމާލޭގައި ޤާއިމު ކުރާ ބޯހިޔާވަހަކަމުގެ މަޝްރޫޢޫތަކުގެ އަގު އަތްފޯރާ ފަށުގައި ބެހެއްޓުން ކަމުގައި މި ފުރުޞަތުގައި ފާހަގަކުރަމެވެ." އެ ކުންފުނިން ބުންޏެވެ.

އެޗްޑީސީން ބުނީ އެ މަޝްރޫއުގެ ތަފުސީލީ ކުރެހުމަށް ހުއްދަ ދޭ ދުވަހުން ފެށިގެން 36 މަސް ދުވަސް ތެރޭގައި މަސައްކަތް ނިންމަން ޖެހޭ ކަމަށެވެ.

އެ ކުންފުނިން ބުނީ މާލެ ސަރަޙައްދުގެ ތޮއްޖެހުން ކުޑަކޮށް، އެކި ފަންތީގެ ގިނަ ބޯހިޔާވަހަކަމުގެ މަޝްރޫއުތަކެއް ހުޅުމާލޭގައި އެ ކޯޕަރޭޝަނުން ހިންގަމުން އަންނަ ކަމަށެވެ. އަދި މި ފްލެޓުތަކުގައި ދިރިއުޅޭ މީހުންނަށް ބޭނުންވާނެ ހިދުމަތްތައް އެންމެ ޒަމާނީ ފެންވަރުގައި ގާއިމުކޮށްދިނުމަށް ވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.