ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކަސްޓަމާ ސާވިސް ސެންޓަރު މެދުވެރިކޮށް މެއި 30 ން ފެށިގެން ކާޑު ދޫކުރުމުގެ ހިދުމަތް ދިނުމަށް ނިންމައިފި އެވެ.

އެ ބޭންކުން މިއަދު ބުނީ ބޭންކް ކާޑު ދޫކުރުމުގެ ގޮތުން އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހަށް، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން ފެށިގެން މެންދުރު ފަހު 2:00އާ ހަމަޔަށް އެ ސެންޓަރު ހުޅުވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ކަސްޓަމަރުންނާއި މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި ހިދުމަތް ދެމުންދާނީ ކިއުބީ މެދުވެރިކޮށް ދޫކުރާ އޮންލައިން ޓޯކަން އަށް ވަކި އަދަދެއްގެ ކަސްޓަަމަރުންނަށެވެ. މި ގޮތުން ހިދުމަތް ދިނުމަށް ހަމަޖެހިފައިވަނީ އޮންލައިން ޓޯކަން އާއެކު ޕޮލިސް ޕަރމިޓް އޮންނަ ކަސްޓަމަރުންނަށެވެ." ބީއެމްއެލް އިން ބުންޏެވެ.

ކާޑު ނަގަން ކަސްޓަމާ ސާވިސް ސެންޓަރަށް ދާއިރު ތިރީގައިމިވާ ގޮތަށް އަމަލުކުރަން ޖެހޭ.

  • މާސްކު އެޅުން.
  • ކަސްޓަމަރ ސަރވިސް ސެންޓަރުގައި ފާހަގަކޮށްފައިވާ ނިޝާންތަކާ އެއްގޮތަށް ގައިދުރުކަން ބެހެއްޓުން.
  • އަމިއްލަ ގަލަން ގެނައުން.
  • ސެނިޓައިޒާ ބޭނުންކޮށްގެން އަތް ސާފުކުރުން.

އެ ބޭންކުން ބުނީ ކޮވިޑް-19 ގެ ބަލީގެ ނުރައްކާތެރި ކަމަށް ހުށަހެޅޭ މިންވަރު ކުޑަކުރުމުގެ ގޮތުން އުމުރުން ދުވަސްވީ މީހުންނާއި ހާއްސަ އެހީއަށް ބޭނުންވާ ކަސްޓަމަރުން ކާޑު ނެގުމަށް ބޭންކަށް ދާކަށް ނުޖެހޭނެ ކަމަށެވެ. އަދި އެ ގޮތަށް ކާޑު ހަވާލުކުރުމަށް އެދޭ ކަސްޓަމަރުން ބޭންކަށް ގުޅުމަށް ވެސް ބީއެމްއެލް އިން އެދިފައިވެ އެވެ.