ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރަށް ލަފާއެރުވުމަށް ބައިނަލްއަގުވާމީ އެޑްވައިޒަރެއްގެ ގޮތުގައި، ޑރ. ޝާންތާ ޑެވަރަޖަން ހަމަޖައްސައިފި އެވެ.

ފިނޭންސް މިނިސްޓްރީން ބުނީ ޑރ. ޑެވަރަޖަން ވަނީ ވޯލްޑް ބޭންކް ގްރޫޕްގެ އެކްޓިން ޗީފް އިކޮނޮމިސްޓް އަދި ޑިވެލޮޕްމަންޓް އިކޮނޮމިކްސްގެ ސީނިއާ ޑިރެކްޓަރުގެ މަގާމު އަދާކޮށްފައި ކަމަށެވެ.

ޑރ. ޑެވަރަޖަން އެޑްވައިޒަރީގެ މަގާމަށް ހަމަޖެއްސެވުމާ ގުޅިގެން މިނިސްޓަރު އަމީރު ވިދާޅުވީ ޑރ. ޑެވަރަޖަންގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށާއި، ކޮވިޑް-19ގެ ޕެންޑަމިކް ހާލަތުން އަރައިގަނެ، އިގްތިސާދު އަލުން އާރާސްތުކޮށް، އަދި މިފަދަ ކަންކަމުން ރައްކާތެރިކުރެވިފައިވާ އިގްތިސާދެއް ބިނާކުރުމަށް މަގުފަހިވާނެ ކަމަށެވެ.

"އަޅުގަނޑުމެންގެ ޓީމާއި ޑރ. ޑެވަރަޖަން ގުޅުމަކީ ވަރަށް ހާއްސަ ކަމެއްގެ ގޮތުގައި ފާހަގަކުރަން. ޑރ. ޑެވަރަޖަންގެ އިރުޝާދާއި ލަފާގެ މަތިން ބައިނަލްއަގްވާމީ ފަރާތްތަކާއެކު އޮންނަ ގުޅުން ވަރުގަދަކުރުމަށާއި، ކޮވިޑް-19 ގެ ޕެންޑަމިކް ހާލަތުން އަރައިގަނެ، އިގްތިސާދު އަލުން އާރާސްތުކޮށް، އަދި މިފަދަ ކަންކަމުން ރައްކާތެރިކުރެވިފައިވާ އިގްތިސާދެއް ބިނާކުރުމަށް މަގުފަހިވާނެ،" މިނިސްޓަރު އަމީރު ވިދާޅުވި އެވެ.

ޑރ. ޝާންތާ ޑެވަރަޖަނަކީ ޖޯރޖްޓައުން ޔުނިވާސިޓީގެ ޕްރެކްޓިސް އޮފް އިންޓަރނޭޝަނަލް ޑިވެލޮޕްމަންޓްގެ ޕްރޮފެސަރެކެވެ. މީގެ ކުރިން، ވޯލްޑް ބޭންކްގެ މިޑްލް އީސްޓް، ނޯތް އެފްރިކާ އަދި ސައުތް އޭޝިއާ ސަރަހައްދުތަކުގެ ޗީފް އިކޮނޮމިސްޓްގެ މަގާމުގެ އިތުރުން، 2004 ގެ ވޯލްޑް ޑިވެލޮޕްމަންޓް ރިޕޯޓު ގައި ވެސް މަސައްކަތް ކޮށްފައިވެ އެވެ.އަދި 1991 ވަނަ އަހަރާއި ހަމައަށް، ޑރ. ޑެވަރަޖަން ވަނީ ހަވާޑް ޔުނިވަރސިޓީގައި ވެސް މަސައްކަތް ކޮށްފަ އެވެ.

މީގެ އިތުރުން ޑރ. ޑެވަރަޖަން ވަނީ އިކޮނިމިކްސްގެ ދާއިރާއިން ޔުނިވާސިޓީ އޮފް ކެލިފޯނިއާ އިން ޕީއެޗްޑީ އަދި ޕްރިންސްޓަން ޔުނިވަރސިޓީއިން ހިސާބުގެ ރޮނގުން ޑިގްރީ ހާސިލްކޮށްފައިވެ އެވެ.