ރާއްޖޭގައި މިހާރު ހަލުވިކަމާއެކު ފެތުރެމުންދާ ކޮވިޑް-19 އާއި ގުޅިގެން ސަރުކާރުން ނިންމަވާފައިވާ ފަދައިން، އެމްޑަބްލިޔުއެސްސީ އިން ޚިދުމަތްދޭ ރަށްރަށުގައި، މި ހިނގާ މެއި މަހުގެ ފެން އަދި ކަރަންޓު ބިލުން ޑިސްކައުންޓް ދިނުމަށް ނިންމައިފި އެވެ.

އެމްޑަބްލިޔުއެސްސީއިން ބުނީ ގްރޭޓާ މާލެ ސަރަހައްދުގައި ހިމެނޭ މާލެ، ހުޅުމާލެ، ވިލިމާލެ، ގުޅީފަޅު އަދި ތިލަފުށީގެ އިތުރުން ރ. ދުވާފަރު، ކ.މާފުށި އަދި ހދ. ކުޅުދުއްފުށީގެ ކޮންމެ ގޭބީސީއެއްގެ ގެއަކަށް މޭ މަހުގެ ފެން ބިލުން 30 ޕަސެންޓް އަދި ކޮންމެ ވިޔަފާރިޔަކުން 20 ޕަސެންޓް ލިބޭނެ ކަމަށެވެ. އަދި އެމްޑަބްލިޔުއެސްސީ އިން ދުވާފަރުގައި ފޯރުކޮށްދޭ ކަރަންޓްގެ ޚިދުމަތުން ވެސް ޑިސްކައުންޓް ދިނުމަށް ވަނީ ނިންމާފައިވާ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ. މިގޮތުން ދުވާފަރުގެ ކޮންމެ ގޭބީސީއެއްގެ މެއި މަހުގެ ކަރަންޓު ބިލުން 40 ޕަސެންޓް އަދި ކޮންމެ ވިޔަފާރިއެއްގެ މެއި މަހުގެ ކަރަންޓް ބިލުން 20 ޕަސެންޓްގެ ޑިސްކައުންޓެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.

ކޮވިޑްގެ ބަލިމަޑުކަމުން އަރައިގަތުމަށް ސަރުކާރުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އެ ކުންފުނީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމަށް ވެސް އެމްޑަބްލިއުއެސްސީން ބުންޏެވެ.

"ހުިރހާ ފަރާތްތަކުން ވެސް ފަރުދީ ޒިންމާ އަދާކުރައްވައި މިބަލިމަޑުކަމުން އަރައިގަތުމަށްޓަކައި އެންމެން އެކުގައި، އެއްރޫހެއްގައި މަސައްކަތް ކުރެއްވުން އެދެން. ހަމަ މިއާއެކު، އަތް ދޮވުމުގަޔާއި އަދި އެހެނިހެން ކަންކަމުގައިވެސް ފެން ބޭނުންކުރެއްވުމުގައި ވީހާވެސް އިސްރާފު ކުޑަވާނެހެން ފެން ބޭނުން ކުރެއްވުމަށް މިފުރުސަތުގައި ހަނދުމަފުޅުކޮށް އަރުވަން،" އެ ކުންފުނިން ބުންޏެވެ.