އުއްމީދު ކުރިވަރަށް ވުރެ އިތުރަށް މިއަހަރު ޓެކުހުން ދައުލަތަށް އާއްމުދަނީ ލިބެމުން އަންނަ ކަމަށް ފިނޭސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.

އެޗްއީއޯސީގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީރު ވިދާޅުވީ، މި އަހަރު ޓެކުހުގެ ގޮތުގައި ލިބެމުން އަންނަ އާމްދަނީ އުންމީދު ކުރި ވަރަށް ވުރެ އިތުރުވަމުން އަންނަ ކަމަށެވެ. މީގެ މައިގަނޑު ސަބަބަކީ ޓޫރިޒަމް ރަނގަޅުވަމުން ދިއުން ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ މިއަހަރު ރާއްޖޭގައި ޓޫރިސްޓުން އެހެން އަހަރުތަކާ ބަލާއިރު ގިނަ ދުވަސް ހޭދަކުރާ ކަމަށެވެ.

"ޓެކުހުގެ އާމްދަނީ އިތުރުވަމުގެ މައިގަނޑު ސަބަބަކީ ޓޫރިސްޓުން ރާއްޖޭގައި ތިބޭ މުއްދަތު އިތުރުވުން. ދެހާސް ނަވާރަ ވަނަ އަހަރު އެވްރެޖުކޮށް ހަ ދުވަސް ސްޓޭ ކުރި ނަމަވެސް މި އަހަރުގެ އެވްރެޖު ސްޓޭ އުޅެނީ 8.9 ދުވަހުގައި،" އަމީރު ވިދާޅުވި އެވެ.

ކުރިން އަންދާޒާ ކުރީ މި އަހަރު ހަ ލައްކަ މީހުން އަންނާނެ ކަމަށާއި މިހާރު އުންމީދަކީ 1.5 މިލިއަން ޓޫރިސްޓުން ގެނައުން ކަމަށް އަމީރު ވިދާޅުވި އެވެ.

މި އަހަރުގެ މިހާތަނަށް އާމްދަނީގެ ގޮތުގައި 7.1 ބިލިއަން ރުފިޔާ ލިބިފައިވާ ކަމަށް ފިނޭންސުން މިނިސްޓްރީއިން ހާމަކޮށްފައިވާ މައުލޫމާތުން އެގެ އެވެ. މި އަހަރުގެ މިހާތަނަށް ޓެކުހުގެ ގޮތުގައި 5.5 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިދިޔަ އަހަރު ލިބިފައި ވަނީ 5.1 ބިލިއަން ރުފިޔާ އެވެ.