ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން ކުދި އަދު މެދުފަންތީގެ ވިޔަފާރިތަކަށް ގެއްލުން ވަމުންދާތީ އެ ވިޔަފާރިތަކަށް ހާއްސަ ކޮށްގެން ހަ ޕަސަންޓް އިންޓަރެސްޓްގައި އެއް އަހަރު ފަހުން ދައްކަން ޖެހޭ ލޯނެއް ފިނޭންސް މިނިސްޓްރީން ތައާރަފްކޮށްފި އެވެ.

އެޗްއީއޯސީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ އެ ލޯނުތަކަކީ އިންޓަރެސްޓް ކުޑަ އަދި ދިގު މުއްދަތުގެ ގްރޭސް ޕީރިއަޑެއް ލިބޭ، ލޯނުތައް ކަމަށެވެ. އަދި އެ ލޯނުތައް ދޫކުރަން ހަމަޖެހިފައި ވަނީ އެސްޑީއެފްސީ މެދުވެރިކޮށް ކަމަށް އަމީރު ވިދާޅުވި އެވެ.

އެ ލޯނުތަކުގެ އިންޓަރެސްޓު ރޭޓަކީ ހަ ޕަސެންޓް ކަމާއި، އެ ލޯނުތައް އަދާކުރަން ޖެހޭނީ އެއް އަހަރު ފަހުންނެވެ.

އެ ލޯނާ ގުޅޭ އިތުރު މައުލޫމާތު ހާމަކުރަނީ އިކޮނޮމިކް މިނިސްޓްރީ އާއި އެސްޑީއެފްސީ އިންނެވެ.

އިގްތިސޯދީ ގޮތުން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިއުލާނު ކުރެއްވި އެހީތެރިކަން ފާހަގަކުރައްވައި، މިނިސްޓަރު އަމީރު ވިދާޅުވީ ގޭބީސީތަކާއި ވިޔަފާރިތަކަށް ބިލުތަކުން ޑިސްކައުންޓް ދެނީ އެއް މަހުގެ މުއްދަތަށް ކަމަށެވެ. ގޭބީސީތަކުގެ މޭ މަހުގެ ކަރަންޓު ބިލަށް 40 ޕަސަންޓްގެ ޑިސްކައުންޓަކާއެކު، ފެން ބިލަށް 30 ޕަސަންޓުގެ ޑިސްކައުންޓެއް ދޭނެ އެވެ. ހަމައެއާއެކު ވިޔަފާރިތަކުގެ ކަރަންޓު ބިލަށާއި ފެން ބިލަށް ވެސް 20 ޕަސަންޓްގެ ޑިސްކައުންޓެއް ދިނުމަށް ވަނީ ނިންމައިފަ އެވެ.

އަމީރު ވިދާޅުވީ ކުންފުނިތަކުގެ އުފެއްދުންތެރިކަން އިތުރުކޮށް ކުރިއަރުވަން އެހީތެރިވުމުގެ ގޮތުން އިކޮނޮމިކް ސްޓިމިއުލަސް ލޯނުގެ ގޮތުގައި މިހާތަނަށް ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް 370 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށެވެ. އަދި އަންނަ ޖޫން މަހުން ފެށިގެން އިތުރު 370 މިލިއަން ރުފިޔާ ލޯނުގެ ގޮތުގައި ބީއެމްއެލް މެދުވެރިކޮށް ދޫކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

އެ ލޯނުތަކުގެ ތަފުސީލު ހާމަކުރާނީ ބީއެމްއެލްއިންނެވެ.

ރާއްޖެއާ އެއްގޮތް ގައުމުތަކުގެ ތެރެއިން އެންމެ އަވަހަށް އިގްތިސޯދު ކުރިއަރަމުން އަންނަނީ ރާއްޖޭގައި ކަމަށް އަމީރު މިއަދު ވިދާޅުވި އެވެ. އަދި ދަރަންޏާއި ފިސްކަލް ހާލަތު މެނޭޖްކުރުމަށް އަޅާފައިވާ ފިޔަވަޅުތަކާއެކު މިދިޔަ އަހަރު މާޗު މަހުގެ ހާލަތަށްވުރެ ރަނގަޅު ހާލަތަކަށް މިހާރު ގޮސްފައިވާ ކަމަށާއި އިގްތިސޯދު ރަނގަޅުކުރުމަށް ކޮވިޑް-19އަށް ޕޮޒިޓިވްވާ މީހުންގެ އަދަދު މަދުކުރަން ޖެހޭނެ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފަ އެވެ.