ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިން ޑައިރެކްޓަރުގެ މަގާމަށް މޫސާ ނިމާލް އަދި ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރުގެ މަގާމަށް އަހުމަދު އަސީފް ހަމަޖައްސައިފި އެވެ.

ޑައިރެކްޓަ ރިޓެއިލް މަގާމަށް ހަމަޖެއްސެވި ނިމާލް ބޭންކާ ގުޅިވަޑައިގަތީ 2003 ވަނަ އަހަރު އެވެ.

ބީއެމްއެލް އިން ބުނީ ބޭންކުގައި ނިމާލް ވަޒީފާ އަދާކުރެއްވި މި ދިގު މުއްދަތުގައި ބޭންކިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރައްވައި، ގިނަގުނަ ތަޖުރިބާތަކެއް ހޯއްދަވާފައިވާ ކަމަށެވެ. މިގޮތުން ބްރާންޗް އޮޕަރޭޝަންސް, ކަސްޓަމާ ސާވިސަސް, އިންޓަނޭޝަނަލް ބޭންކިން އަދި ރީޓެއިލް ބޭންކިންގައި ނިމާލް މަސައްކަތް ކުރައްވާފައިވާ ކަމަށް އެ ބޭންކުން ބުންޏެވެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުން ހިންގާފައިވާ ފާހަގަކޮށްލެވޭ ގިނަ މަޝްރޫޢުތަކާއި, ބޭންކަށް ގެނެވުނު މުހިންމު ބޮޑެތި ބަދަލުތައް ގެނައުމުގައި ނިމާލް މުހިންމު ދައުރެއް އަދާކުރައްވާފައިވާ ކަމަށެވެ. އެ މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ނިމާލް ހުންނެވީ ހެޑް އޮފް ރީޓެއިލް ބޭންކިންގެ މަގާމުގަ އެވެ.

އެ ބޭންކުން ބުނިގޮތުގައި ޑައިރެކްޓަ ކޯޕަރޭޓްގެ މަގާމަށް ހަމަޖެއްސެވި އަސީފް އަކީ ރިލޭޝަންޝިޕް އަދި ޕޯޓްފޯލިއޯ މެނޭޖްމަންޓްގެ ތަޖުރިބާކާރު ގާބިލު ކޯޕަރޭޓް ބޭންކާ އެކެވެ. އަދި 2012 ވަނަ އަހަރު ރިލޭޝަންޝިޕް މެނޭޖަރުގެ މަގާމަށް ބޭންކާ ގުޅިވަޑައިގަތުމަށްފަހު ފާއިތުވި 8 އަހަރު ތެރޭގައި ކޯޕަރޭޓް ބޭންކިން ޓީމާއެކު މިދާއިރާގައި ކުރިއެރުންތަކެއް ހޯއްދަވައި، ބޭންކުގެ ނުހަނު ބޮޑު ކޯޕަރޭޓް ކަސްޓަމާ ޕޯޓްފޯލިއޯ ބެލެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި މަގާމަށް އައްޔަން ކުރެއްވުމުގެ ކުރިން އަސީފް ގެންދެވީ ހެޑް އޮފް ކޯޕަރޭޓް ބޭންކިންގެ މަގާމު އަދާކުރައްވަމުންނެވެ.

މި މަގާމަށް ނިމާލް އާއި އަސީފް އައްޔަންކުރެއްވުމާ ގުޅޭ ގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ސީއީއޯ ޓިމް ސޯޔާ ވިދާޅުވީ އެ މަގާމުތަކަށް ބޭފުޅުން އައްޔަން ކުރުމަށް ވަރަށް ފުޅާދައިރާއެއްގައި މަަސައްކަތްކުރުމަށްފަހު، ނިމާލް އާއި އަސީފް ބޭންކުގެ އެގްޒެކެޓިވް ޓީމާ ގުޅިވަޑައިގަތުމުން މަރުހަބާ ކިޔުމަކީ އޭނާއަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމަށެވެ.

" މި ދެބޭފުޅުންނަކީވެސް ބޭންކިން ދާއިރާގައި އަމަލީ ގޮތުން މަސައްކަތްކޮށް އެތައް އަހަރެއްގެ ތަޖުރިބާ ހޯއްދަވާފައިވާ ގާބިލް ދިވެހިން. ރީޓެއިލް، އެސްއެމްއީ އަދި ކޯޕަރޭޓް ބޭންކިން އަށް އިތުރު ފުރިހަމަކަމެއް ގެނައުމަށް މިދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުން. މި ދެ ބޭފުޅުން ރަނގަޅު ބަދަލުތަކެއް ގެނެސްދެއްވާނެކަމާމެދު އަޅުގަނޑަށް އިތުރުބާރު އެބައޮތް. ނިމާލް އާއި އަސީފް އަށް ކާމިޔާބަށް އެދެން،" ޓިމް ވިދާޅުވި އެވެ.

ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ބޮޑު ބޭންކުގެ އިތުރުން ރާއްޖޭގައި އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުންޏެވެ. ބޭންކުގެ 99 ޕަސެންޓް މުވައްޒަފުންނަކީ ދިވެހިންނެވެ. އެ ބޭންކުން އަންނަނީ މުވައްޒަފުންނާ ގުޅޭ ގޮތުން ވަޒީފާ ދިނުމާއި ތަމްރީނުކުރުމާއި އަދި މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވާލައި އަމަލުކުރަމުންނެވެ.