އަންނަ ބުރާސްފަތި ދުވަހުގެ ރޭ ބީއެމްއެލްގެ ކާޑް ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން އެ ބޭންކުން ނިންމައިފި އެވެ.

ބީއެމްއެލް އިން ބުނީ ޖޫން މަހުގެ ތިން ވަނަ ދުވަހުގެ ރޭ 10:00 އިން ފެށިގެން ހުކުރު ދުވަހުގެ ހެނދުނު 9:00 އަށް ކާޑު ސިސްޓަމް އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔުމަށް ނިންމާފައިވާ ކަމަށެވެ.

މިއީ ކަސްޓަމަރުންނަށް ދެމުންދާ ބޭންކިން ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ބޭންކުން ކުރަމުންދާ މަސައްކަތުގެ ދަށުން ކުރިއަށް އޮތް ތާނުގައި ހިދުމަތަށް ގެންނަން ބޭނުންވާ މުހިންމު ބަދަލުތައް ގެނައުމުގެ ބޭނުމުގައި އާއި މި ސިނާއަތުގައި ކަނޑައެޅިފައިވާ މިންގަޑުތަކާ އެއްގޮތަށް ހަރުދަނާ ކަމާއެކު ހިދުމަތް ދިނުމުގެ ގޮތުން ބޭންކުން ކުރުމަށް ނިންމާފައިވާ މުހިންމު މަސައްކަތެއް ކަމަށް ބީއެމްއެލް އިން ބުންޏެވެ. އަދި މި މަސައްކަތް ކުރަމުންދާ ވަގުތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ލިބޭ ކާޑުގެ ހިދުމަތްތައް ހިމެނޭހެން އޭޓީއެމް، ޕީއޯއެސް، އެމްޕޮސް، މާޗަންޓް ޕޯޓަލް، ޕޭމަންޓް ގޭޓްވޭގެ އިތުރުން މޮބައިލް ޕޭގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑޭނެ ކަމަށް އެ ބޭންކުން ބުންޏެވެ.

ނަމަވެސް މި ވަގުތުގައި އިންޓަނެޓް ބޭންކިން އަދި މޮބައިލް ބޭންކިންގެ ހިދުމަތް ލިބޭނެ ކަމަށް ބުނެފައިވެ އެވެ.

ބީއެމްއެލްއިން ބުނީ އަޕްގްރޭޑްގެ މަސައްކަތް ނިމުމުން ކުރިއެކޭ އެއްގޮތަށް ހިދުމަތްތައް ލިބޭނެ ކަމަށެވެ.

ބީއެމްއެލް އަކީ ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ކާޑުގެ ހިދުމަތްތައް ދެމުން އަންނަ ބޭންކެވެ. އަދި އެ ބޭންކުން އަންނަނީ 2004 ވަނަ އަހަރުން ފެށިގެން އިންޓަނޭޝަނަލް ކާޑުތަކުގެ ހިދުމަތް ދެމުންނެވެ.